އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.

އައްޑޫ އަދި ފުވައްމުލަކު ސިޓީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ރިޒާވުގެ އިންޓަނޭޝަނަލް ކޯޑިނޭޓިންގް ކައުންސިލުގެ 32 ވަނަ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވައިރޮމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ވިދާޅުވީ މިއަދު އައްޑޫ އާއި ފުވައްމުލަކަށް މިލަޤަބު ލިބިގެން ދިއުމަކީ، މިދެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖެއަށް ތާރީޚީ ދުވަހަކަށް ވެގެންދާނެކަމަށެވެ. އެގޮތުން ރާއްޖެ އަކީ މުރަކަ އަތޮޅުތަކާއި ފަރުތަށް ހިމެނޭ ތަނެއް ކަމަށާއި ރާއްޖޭގެ ހުރިހާ އެންމެންވެސް ދިރިއުޅުމަށާއި، ކެއިން ބުއިމަށް މިޤުދުރަތީ މުއްސަނދި ކަމަށް ބަރޯސާވާ ކަމަށެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަކީ ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅުމާއެކު ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިޙް ވަނީ އެ ދެ ސިޓީގެ ރައްޔިތުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މިލަޤަބު ލިބިގެން ދިއުމާއެކު ރާއްޖޭގެ 3 ސަރަހައްދެއް ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި އޮންނާނެއެވެ. އެއީ 2011 ވަނަ އަހަރު ކަނޑައެޅި ބ. އަތޮޅު ބަޔޮސްފިއަރ ރިޒާވް އާއި މިއަދު ކަނޑައެޅިގެން މިދިޔަ ފުވައްމުލަކު އަދި އައްޑޫ ބަޔޮސްފިއަރ ރިޒާވްއެވެ.

ޔުނެސްކޯގެ މޭން އެންޑް ބަޔޮސްފިއަރ ޕްރޮގްރާމުގެ ބޭނުމަކީ ތަނެއްގައިވާ ގުދުރަތީ ރީތިކަމާއި އެތަނެއްގައި ދިރިހުރި ދިރުމެއްގެ އަސްލު ނުގެއްލޭގޮތަށް ތަނެއް ހިމާޔަތްކުރުމެވެ. ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި އެ ދެ ސިޓީ ކަނޑައެޅުމަށް ހުށައެޅީ މިދިޔަ އަހަރު ސެޕްޓެމްބަރު މަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން