ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު-
މި ސަރުކާރުން ދަރަނި ދެއްކުމަށް 1.29 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ވަޒީރު ޒަރީރު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ދައުލަތަށް ލިބުނު ޑޮލަރުގެ އާމްދަނީގެ 56 އިންސައްތަ ހޭދަކުރަން ޖެހުނީ ލޯނުތައް ދެއްކުމަށް ކަމަށެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ދިވެހި ސަރުކާރުން ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކުރި 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކައި ހަލާސްކުރުން ވެސް ހިމެނެ އެވެ.

ފާއިތުވި ދެ ވެރިކަމުގައި ދަރަނި ދެއްކުމަށް ހޭދަކުރި މިންވަރާއި މި ސަރުކާރުގެ އަދަދުތައް އަޅާކިޔުއްވަމުން ވަޒީރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި ދަރަނި ދެއްކުމަށް ހޭދަކުރީ 191 މިލިއަން ޑޮލަރު ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެ މުއްދަތުގައި ދައްކާފައިވަނީ 428 މިލިއަން ޑޮލަރެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރާއި ބައިގެ ތެރޭގައި އެކަނިވެސް ދަރަނި ދެއްކުމަށް 1.293 ބިލިއަން ޑޮލަރު ހޭދަކުރަން ޖެހިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.

"މިއީ ކުރިން ދިޔަ ސަރުކާރުތަކާއި ބަލާއިރު ވަރަށް ބޮޑު އަދަދެއް ދަރަނި ދައްކަން ޑޮލަރުން ހޭދަކުރަން މިޖެހުނީ،" ވަޒީރު ވިދާޅުވި އެވެ.

ހަމައެއާއެކު ވަޒީރު ވިދާޅުވީ، ދައުލަތަށް ލިބޭ ޑޮލަރުގެ އާމްދަނީ ދަރަނި ދެއްކުމުގެ އިތުރުން ހޭދަކުރަމުން ދަނީ ރައްޔިތުންގެ އެންމެ ޒަރޫރީ ބޭނުންތަކަށް ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށާއި، ބޭސްފަރުވާއަށް ފުރާ މީހުންނަށް ޑޮލަރު ދޫކުރުމާއި، ބޭރުގައި ތައުލީމު ހާސިލުކުރާ ދަރިވަރުންގެ ފީ ދެއްކުމުގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަށާއި، ތެލާއި ގޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް ޑޮލަރުން ބޮޑެތި ހޭދަތަކެއް ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދަރަނި އަދާކުރުމަށް މިފަދަ ބޮޑު ހޭދައެއް ކުރަންޖެހުމަކީ ދައުލަތުގެ ހަރަދުތައް މެނޭޖުކުރުމުގައްޔާއި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ނަމަވެސް، ސަރުކާރުގެ މާލީ ސިޔާސަތުތައް ބައްޓަންކުރަމުން ދަނީ މި ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ރިއާޔަތްކޮށްގެން ކަމަށް ވެސް ފިނޭންސް މިނިސްޓަރު މިއަދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު