ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން، ޤައުމުގެ ޙާލަތު ރަނގަޅުކުރެވޭނީ، އިސްލާމީ ދައުލަތް ފެށިގެން އައިއިރު، މުސްލިމުން ދެއްކި ފަދަ، ހިތްވަރުގަދަކަމާއި މަސައްކަތްތެރިކަމުގެ ނަމޫނާއެއް އަޅުގަނޑުމެންގެ ފަރާތުންވެސް ފެނިގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު، މިހެން ވިދާޅުވީ ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޢީދު މީލާދުގެ މުނާސަބާގައި، ދިވެހިރައްޔިތުންނަށް ތަހުނިޔާއާ ހެޔޮއެދުންތައް އަރިސްކުރައްވައި ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ.

ރައީސް އިބްރާހިމްގެ މި މެސެޖުގައި އެމަނިކުފާނު ވަނީ، އިސްލާމީ ޤައުމުތަކުގެ ވެރިންނާ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމު އަޚުންނާއި އުޚުތުންނަށް މި އުފާވެރި މުނާސަބަތުގެ ތަހުނިޔާއާ މުބާރަކްބާދީ އަރިސްކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި، މި މުނާސަބާއިން ހަނދާނަށް ގެނެސްދެނީ، އިތުރު އެކަލޭގެފާނު މެދުވެރިކުރައްވައި، اللهُ سُبْحَانَهُ وَتَعَالَى މުޅި އިންސާނިއްޔަތަށް ދެއްވެވި އެންމެ މަތިވެރި ނިޢުމަތްކަމަށްވާ، އިސްލާމް ދީނުގެ ހިދާޔަތުން އިންސާނިއްޔަތަށް ދިރުން ލިބިގެން ދިޔަ ގޮތްކަން ފާހަގަކުރެއްވިއެވެ. އަދި މުޅިން އައު ޞަފްޙާއަކުން ދިވެހި ޤައުމީ ޝަޚްޞިއްޔަތުގެ ތާރީޚުވެސް ލިޔަން ފެށުނީ، ދިވެހިން އެއްކައުވަންތަކަމުގެ ޢަޤީދާ ޤަބޫލުކޮށް، ދިވެހިންނަށް އިސްލާމް ދީނުގެ ހިދާޔަތު ލިބުމާ ހަމައިންކަން ރައީސް އިބްރާހިމް ވިދާޅުވިއެވެ.

މި މުނާސަބާ ފާހަގަކުރާ މަތިވެރި މަޤްޞަދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ރައީސް ވަނީ އިތުރު އެކަލޭގެފާނުގެ މަތިވެރި ސީރަތުން ލިބިގަންނަންވީ އެންމެ އަގުހުރި ފިލާވަޅަކީ، މީސްތަކުންގެ މެދުގައި އެއްބަނޑު އެއްބަފާކަމުގެ ގުޅުމާއި، ޢަދުލު އިންސާފަށް ލޯބިކުރުމާއި، އަނެކުންގެ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމުގެ މާތް ސިފަތައް ހަރުލެއްވުންކަން ފާހަގަކުރައްވާފައެވެ. ހަމައެފަދައިން، އެކަކު އަނެކަކަށް އެހީތެރިވެ އުޅުމާއި، ދަތި އުނދަގޫ ޙާލަތްތަކުގައި ވެސް ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމުގެ ރިވެތި ސިފަތަކާއި ޢާއިލީ ގުޅުންތައް ބަދަހިކުރުމާއި، މަޢާފްކުރުމާއި ހިތްހެޔޮކަމާއެކު މުޢާމަލާތުކުރުންފަދަ އެކަލޭގެފާނު ދެއްކެވި އަޚްލާޤީ ނަމޫނާތަކުން އިބުރަތް ޙާޞިލްކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

މިފަދަ މުނާސަބާއެއް ފާހަގަކުރާއިރު މަސައްކަތްކުރަންވީ، ކީރިތި ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ޒިކުރާއިން ލިބިދޭ ފިލާވަޅުތަކުން، ދުނިޔަވީ ޙަޔާތުގެ ކަންކަން އިސްލާޙުކޮށް، އެ މަތިވެރި ރިސާލަތަށް ފުރިހަމައަށް ތަބާވެ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ޙާޞިލްކުރުމަށްކަމަށް ރައީސް އިބްރާހިމްގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން