ކޮމިޓީ ބައްދަލުވުން
ކޮމިޓީ ބައްދަލުވުން
ކައުންސިލްތަކުގެ އިޚްތިޞާޞްގައި ހިމެނޭ ބިންތައް ސަރުކާރަށް އަތުލެވޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މުހިންމު ބަދަލުތަކަކާ އެކު ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން މި ބިލު ފާސްކޮށްފައިވަނީ ރޭ ކުއްލި ގޮތަކަށް ބޭއްވި ބައްދަލުވުމެއްގައެވެ. މިއަދުގެ މަޖިލީހުގައި، މި ބިލު ތަޅުމުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ ތެރެއިން 47 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުންގެ ތާއީދާއެކު މި ބިލު ފާސްކުރިއިރު، ބިލާ ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 11 މެންބަރުންނެވެ.

މި އިސްލާޙަކީ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ. އެ ބިލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސަރުކާރުން ބޭނުންވެއްޖެ ހިނދެއްގައި ވަޒީރުންގެ މަޖިލީހުން ނިންމައިގެން ކައުންސިލްތަކުގެ އިޚްތިޞާޞްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގުމުގެ ބާރު ލިބިގެންވެއެވެ.

ކޮމިޓީ ބައްދަލުވުމުގައި މި ބިލަށް ވަނީ މުހިންމު އިސްލާޙެއް ގެނެސްފައެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި އިސްލާޙުގައިވަނީ، ކައުންސިލްގެ އިޚްތިޞާޞުން ވަކިކޮށް ނަގާ ބިމެއްގައި ކައުންސިލުން ނުވަތަ އެހެން ފަރާތަކުން އިންވެސްޓްމެންޓެއް ކޮށްފައިވާނަމަ، ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އެކަށީގެންވާ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. މަޖިލީހުންވެސް ބިލު ފާސްކުރީ މި ބަދަލާއެކުގައެވެ.

މި އިސްލާޙާ ގުޅިގެން ޢާންމުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، އެ ޕެޓިޝަނާ ދެކޮޅަށް އަދި އިސްލާޙު ފާސްކުރުމަށް ތާއީދުކޮށް، މަޖިލީހުގެ ޤަވާއިދަށް ބަދަލު ގެނެސްގެން ޕީއެންސީއަށް ތާއީދުކުރާ ފަރާތްތަކުން ވެސް ވަނީ މަޖިލީހަށް އިތުރު ޕެޓިޝަނެއް ހުށަހަޅާފައެވެ. ނަމަވެސް، މި ބިލު ފާސްކޮށްފައިވަނީ މި ޕެޓިޝަންތަކުގައި ހުރި ކަންބޮޑުވުންތަކަށް ރިޢާޔަތް ކުރުމެއް ނެތިއެވެ.



ކިޔުންތެރިންގެ ހިޔާލު