އެލްޖީއޭ
އެލްޖީއޭ
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު މެންބަރުންގެ ގޮތުގައި އައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި ދެ ބޭފުޅެއްގެ ނަންފުޅަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

އެލްޖީއޭގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރަށްވާ ދެ މެންބަރުންގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ދެ ބޭފުޅެއްގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވަނީ މި މަހުގެ 10 ވަނަ ދުވަހުއެވެ. ރައީސް މަޖިލީހަށް ހުށަހެޅުއްވީ، މިންތީގެ ހަމަހަމަކަމުގެ ދާއިރާއިން އަންހެން މެންބަރަކާއި، ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އައްޔަންކުރަށްވާ މެންބަރެއްގެ ނަމެވެ. އެގޮތުން:

މިންތީގެ ހަމަހަމަކަން (ޖެންޑަރ އިކުއަލިޓީ) ދާއިރާއިން: އާއިޝަތު އާރިފާ، ތިބުރޯޒުގެ، ގދ. ގައްދޫ.

ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއިން: މުޙައްމަދު އާރިފް، ރަތްވިލާގެ، ށ. ކަނޑިތީމު.

މިއަދު ކުރިއަށްދިޔަ މަޖިލީހުގެ ޖަލްސާގައި، އެލްޖީއޭ ބޯޑަށް އައިޝަތު އަރީފާ އައްޔަނުކުރަން ފެންނަ ކަމަށް ވަނީ 48 ވޯޓް ލިބިފައެވެ. އަދި މުހައްމަދު އާރިފް އެލްޖީއޭގެ ބޯޑު މެމްބަރުކަމަށް އައްޔަނުކުރަން ފެންނަކަމަށް 59 މެމްބަރުން ވަނީ ވޯޓް ދީފައެވެ.

މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން އެ ދެ ބޭފުޅުންނާއި އިންޓަރވިއު ކުރުމަށްފަހު، އެ ދެބޭފުޅުންނަށް ވެސް އެވްރެޖްކޮށް 75އިން މަތިން މާކްސް ދީފައިވެއެވެ.

އެލްޖީއޭގެ ބޯޑަކީ ޖުމްލަ ނުވަ މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ. މި ބޯޑުގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ވަޒީރަކާއި، ޖެންޑަރ އިކުއަލިޓީ ދާއިރާގެ މެންބަރަކާއި، ގަވަރނަންސް ދާއިރާގެ މެންބަރަކާއި، މަދަނީ ޖަމްޢިއްޔާތަކުގެ މެންބަރެއްގެ އިތުރުން، ސިޓީ ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުން އިންތިޚާބުކުރާ މެންބަރުންނެވެ. މީގެ އިތުރުން މާލީ ވުޒާރާގެ މުވައްޒަފަކާއި އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ވެސް މި ބޯޑުގައި ހިމެނިވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު