އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަަމް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސަރުކާރުން ސޮއިކޮށްފިއެވެ.

ޓިއޭޓޯއެވްރީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ޓިއޭޓޯ ލެޓްވިއާ އެސް.އައި.އޭއާއިއެކު މޯލްޑިންސް މަނިޓަރީ އޮތޯރިޓީއިން ސޮއިކުރި މި އިންސްޓަންޓް ޕޭމަންޓް ސިސްޓަމަކީ ދިވެހިރާއްޖޭގައި ކުރެވޭ މާލީ މުޢާމަލާތްތަކުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އެމްއެމްއޭއިން ފަށާފައިވާ މޯލްޑިވްސް ޕޭމަންޓް ސިސްޓަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އެންމެ މުހިންމު އެއް އަސާސެވެ.

ރާއްޖެެއަކީ ގުދުރަތީގޮތުން ވަކިވަކި ރަށްތަކެއްގެ މައްޗަށް ބެހިފައިވާ ޖަޒީރާ ގައުމެއްކަމުގައި ވީނަމަވެސް، މި ސިސްޓަމް ގާއިމްކުރެވިގެންދިޔުމާއިއެކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެ އަދި ކޮންމެ ބޭންކެއްގައި އެކައުންޓް ހުޅުވާފައިވީނަމަވެސް ފަސޭހަކާމާއިއެކު، ވަގުތުން ވަގުތަށް އެކަކު އަނެކަކަށް ފައިސާ ފޮނުވުމުގެ މަގު ފަހި ވެގެންދާނެކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ޒަމާނީ، އީޖާދީ މާލީ ހިދުމަތްތައްދޭ ފަރާތްތަކަށް މި ސިސްޓަމްގެ ސަބަބުން ރައްޔިތުންނާއި ހަަމަޔަށް އެއް ޕްލެޓްފޯމެއް މެދުވެރިކޮށް އެފަދަ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.

އެމްއެމްއޭއިން ބުނީ މިއީ ގައުމީ ފެންވަރުގައި ހިންގޭ ބޮޑު މަޝްރޫއަކަށް ވާއިރު، މީގެ ސަބަބުން ދިވެހިރާއްޖޭގެ މާލީ މުޢާމަލާތްތަކުގެ ނިޒާމު އިތުރަށް ހަރުދަނާވެ، އިތުރު ފުރުސަތުތަކެއް މި ދާއިރާއިން ހުޅުވިގެންދާނެކަމަށެވެ. މިގޮތުން މި އެއްބަސްވުމަކީ ދުނިޔޭގައި ފައިނޭންޝަލް ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކާއި އެއްހަމައެއްގައި ދިވެހިރާއްޖޭގެ މާލީ ނިޒާމު ތަރައްގީކޮށް، އޭގެ ސަބަބުން ދިވެހިންނަށް އިތުރު ލުއިފަސޭހަ ތަކެއް ލިބުމުގެ މަގު ފަހިކޮށްެދޭނެ އެެއްބަސްވުމެކެވެ.

މި ސިސްޓަމް ގާއިމު ކުރުމުގެ މަސައްކަތް ހަވާލުކުރި ފަރާތް ކަމުގައިވާ ޓިއޭޓޯއެވްރީ އަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިފަދަ ސިސްޓަމްތަކުގެ ހިދުމަތް ފުޅާދާއިރާއެއްގައި މިހާރުވެސް ދެމުން އަންނަ ތަޖުރިބާކާރު ކުންފުންޏެކެވެ. އެގޮތުން ސްވިޑަންގައި "ސްވިޝް"ގެ ނަމުގައި މޮބައިލް ޕޭމަންޓް ސޮލިއުޝަނެއް ގާއިމުކުރުމާއިއެކު، ފިންލެންޑްގައި ފުރަތަމަ ގާއިމުކުރެވުނު ރިއަލް ޓައިމް މޮބައިލް ޕޭމަންޓް ޕްލެޓްފޯމްވެސް ފޯރުކޮށްދީފައިވަނީ ޓިއޭޓޯއެވްރީއިންނެވެ. މީގެ އިތުރުން، ޓިއޭޓޯއެވްރީއިން ވަނީ ކެންޔާގައިވެސް ޕެސާލިންކްގެ ނަމުގައި ރިއަލްޓައިމް މަނީ ޓްރާންސްފަރ ސޮލިއުޝަނެއް ޤާއިމުކޮށްދީފައެވެ.



އެގްރީމަންޓްގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްއެެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ، މިއީ ދިވެހިރާއްޖޭގެ މާލީ ނިޒާމު، ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކާއި އެއްހަމައެއްގައި ގާއިމުކުރުމުގެ ގޮތުން އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި، އަދި މި މަޝްރޫއު ހިންގުމަށް ޓިއޭޓޯއެވްރީ ފަދަ ދާއިރާގެ ތަޖުރިބާ ލިބިފައިވާ ކުންފުންޏަކާއި ބައިވެރިވުމަކީ ލިބޭނެ ކުރިއެރުމެއްކަމުގައެވެ. އަދި އެ ކުންފުންޏާއެކު ކުރެވޭ މަސައްކަތްތަކުގެ އެހީގައި، ދިވެހިންނަށް ޕޭމަންޓް ދާއިރާގައި މިހާރު ދިމާވާ ތަފާތު އެކި ގޮންޖެހުންތަކަަށް އެދެވޭ ހައްލެއް އަވަސް މުސްތަގްބަލެއްގައި ލިބިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމުގައި ގަވަރުނަރު ވިދާޅުވިއެވެ.

ޓިއޭޓޯއެވްރީއިން ފާހަގަކުރާ ގޮތުގައި މި ސިސްޓަމަކީ، ސިސްޓަމް މެދުވެރިކޮށް ދެވޭ ހިދުމަތްތައް ޕޭމަންޓް ދާއިރާއަށް އަންނަމުންދާ ބަދަލުތަކާއި އެއްހަމައެއްގައި ބަދަލުކޮށް، އިތުރަށް ފުޅާކުރުމުގެ ގާބިލުކަން ލިބިފައިވާ ގޮތަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ.

މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖޭގެ ޕޭމަންޓް ނިޒާމު, ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ގައުމުތަކާއި އެއްހަމައެއްގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރުމުގެ މުހިންމު މަސައްކަތްތަކެއް، މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން ކުރެވިގެންދާނެ ކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ. އަދި 2021 ވަނަ އަހަރުގެ ފަހު ކުއާޓަރުގެ ތެރޭގައި މި ސިސްޓަމްގެ ބޭނުން، ރާއްޖޭގައި ހިނގާ މުއާމަލާތްތަކަށް ބޭނުން ކުރަންފެށޭނެކަމަށް އެމްއެމްއޭއިން ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން