ޢަބްދުﷲ ރިފާއު (ބޮޗޭ)
ޢަބްދުﷲ ރިފާއު (ބޮޗޭ)
ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުން ސަރުކާރާ ދެކޮޅަށް ނެރުމަށް އެ ތަންތަނުގެ ވެރިން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ތުހުމަތު ކުރައްވައިފިއެވެ.

ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން "އެކްސް" ގައި އޭނާ ވިދާޅުވީ، މި އިސްލާހުތަކުގެ ސަބަބުން ރިސޯޓު މުވައްޒަފުންނަށް ލިބޭނެ އެއްވެސް އުނިކަމެއް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބޭރު ފައިސާއާ ބެހޭ ގާނޫނުގެ އިސްލާހުގެ ދަށުން، ރިސޯޓުތަކުން ލިބޭ ޑޮލަރުގެ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރުން ވަނީ މަޖުބޫރުކޮށްފައެވެ.

ކުރިން އޮތް އުސޫލުގައި ކޮންމެ ތިން މަހަކުން 20 އިންސައްތަ ނުވަތަ ބޮލަކަށް 500 ޑޮލަރުގެ މަގުން ފައިސާ މާރުކުރުމުގެ އިހުތިޔާރު އޮތް ނަމަވެސް، އާ އިސްލާހާއެކު ބޮލަކަށް 500 ޑޮލަރު މާރުކުރުމުގެ އުސޫލު ވަނީ އުވާލާފައެވެ.

އަދި ފައިސާ މާރުކުރަންޖެހޭ މުއްދަތު ކޮންމެ މަހަކަށް ބަދަލުކޮށް، ޑޮލަރުން ހަދާ މުއާމަލާތްތަކުގެ ތަފުސީލު އެމްއެމްއޭއާ ހިއްސާކުރުން ވަނީ ލާޒިމުކޮށްފައެވެ.

މި ގާނޫނަށް އިސްލާހު ގެނައީ ގިނަ އަދަދެއްގެ ގެސްޓްހައުސްތަކާއި ބައެއް ރިސޯޓުތަކުން ގަވާއިދުން ބޭރު ފައިސާ މާރުނުކުރާތީއާއި، ބައެއް ރިސޯޓުތަކުން އެއްވެސް ވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުނުކުރާކަން ފާހަގަކުރެވިގެންނެވެ. ރިފާއު ފާހަގަކުރެއްވި ގޮތުގައި، އިސްލާހުގައި ރިސޯޓު މުވައްޒަފުންނަށް ދޭ ޑޮލަރު މުސާރަ ރުފިޔާއަށް ބަދަލުކުރުމަށް އެއްވެސް ޝަރުތެއް ހިމަނާފައެއް ނުވެއެވެ. އެހެންކަމުން މުވައްޒަފުންގެ އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.

ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ވިޔަފާރިތައް ހިންގަންޖެހެނީ އެ ގައުމެއްގެ މާލީ ގާނޫނުތަކުގެ ދަށުންކަން ފާހަގަކުރައްވަމުން ރިފާއު ވިދާޅުވީ، ރާއްޖެއަކީ ބޭނުންވާ ހުރިހާ ތަކެތި އިމްޕޯޓުކުރާ ގައުމަކަށްވެފައި، އެ ތަކެއްޗަށް ފައިސާ ދައްކަންޖެހެނީ ޑޮލަރުން ކަމަށެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ސިނާއަތުން ލިބޭ ބޭރު ފައިސާ ރާއްޖޭގެ ބޭންކު ސިސްޓަމުގައި ހުރުން މުހިންމެވެ. ރިސޯޓުތަކުން ލިބޭ ފައިސާއަކީ އަމިއްލަ މިލްކިއްޔާތެއް ކަމަށް ބުނެ ބައެއް ވެރިން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވަމުން އޭނާ ވިދާޅުވީ، އެ ވިޔަފާރިތައް ބިނާކޮށްފައިވަނީ ދައުލަތުން ކުއްޔަށް ދޫކޮށްފައިވާ ރައްޔިތުންގެ މިލްކިއްޔާތުގައި ކަމަށެވެ.

ރާއްޖޭގެ އިގްތިސާދު ބަލިކަށިވާ އެންމެ ބޮޑު އެއް ސަބަބަކީ ގައުމީ ވަސީލަތްތައް ބޭނުންކޮށްގެން އުފައްދާ ފައިސާ ގައުމުގެ ބޭންކިން ސިސްޓަމުގައި ނުހުރުން ކަމަށް ރިފާއު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރެއްގެ އަސާސީ ޒިންމާއަކީ ވަކި ވިޔަފާރިވެރިންތަކެއްގެ ފައިދާ ހިމާޔަތްކުރުމުގެ ބަދަލުގައި މުޅި ރައްޔިތުންގެ މަސްލަހަތާއި ފުދުންތެރިކަން ކަށަވަރުކޮށްދިނުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު