ހާލިދު ޝައިހް މުހައްމަދު
ހާލިދު ޝައިހް މުހައްމަދު
ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ނުރައްކާތެރި ހަމަލާތަކުގެ މޭސްތިރި ކަމަށް ތުހުމަތުކުރެވޭ ހާލިދު ޝައިހް މުހައްމަދު (ކޭއެސްއެމް) އެފްބީއައިގެ އެޖެންޓުންނަށް ދީފައިވާ އިއުތިރާފު ބަޔާނަކީ އޭނާއާ ދެކޮޅަށް ކޯޓުގައި ބޭނުންކުރެވޭނެ ހެއްކެއް ނޫން ކަމަށް އެމެރިކާގެ އަސްކަރީ ފަނޑިޔާރަކު ވަނީ ނިންމަވާފައެވެ.

މި މައްސަލަ ބައްލަވާ އަސްކަރީ ގާޒީ ލެފްޓިނެންޓް ކޮލޮނަލް މައިކަލް ޝްރާމާގެ ނިންމެވުމުގައި ބަޔާންކުރައްވާފައިވަނީ، 2007 ވަނަ އަހަރު ގުއަންޓަނާމޯ ބޭގައި ކޭއެސްއެމްއާ ސުވާލުކޮށްގެން ހޯދާފައިވާ ބަޔާންތަކަކީ އޭނާގެ އަމިއްލަ އިހުތިޔާރުގައި ދީފައިވާ ބަޔާންތަކެއްކަން ސާބިތުކޮށްދިނުމުގައި ދައުވާކުރާ ފަރާތް ނުކުޅެދިފައިވާ ކަމަށެވެ.

ސީއައިއޭއިން ކުރިމަތިކުރުވި ނަފްސާނީ ނުފޫޒާއި އަނިޔާތަކުގެ އަސަރު އޭރުވެސް ދެމިއޮތުމުގެ އިތުރުން، ހަނުހުރުމުގެ ހައްގާއި ވަކީލެއްގެ އެހީތެރިކަން ހޯދުމުގެ ހައްގު އެފްބީއައި އެޖެންޓުން އޭނާއަށް ސާފުކޮށްދީފައި ނުވާކަންވެސް އެ ނިންމުމުގައި ފާހަގަކުރައްވާފައިވެއެވެ.

2003 ވަނަ އަހަރު ޕާކިސްތާނުން ހައްޔަރުކުރި ކޭއެސްއެމްއަކީ އަލްގައިދާގެ ކުރީގެ ލީޑަރު އުސާމާ ބިން ލާދިންގެ އެންމެ އަރިސް އެކަކެވެ. އޭނާ ހައްޔަރުކުރުމަށްފަހު ސީއައިއޭގެ ސިއްރު ޖަލުތަކުގައި ބަންދުކޮށް، 2006 ގައި ގުއަންޓަނާމޯއަށް ބަދަލުކުރުމުގެ ކުރިން ވަނީ ވޯޓާބޯޑިން ފަދަ ނުރައްކާތެރި އަނިޔާތައް ކޮށްފައެވެ.

އަނިޔާކޮށްގެން ހޯދި ބަޔާންތައް މައްސަލައިގެ ލިޔެކިޔުންތަކުން އުނިކޮށްފައިވާއިރު، ކޯޓުން މިހާރު ނިންމީ އެފްބީއައިއިން ފަހުން ނެގި ބަޔާންތައްވެސް ގާނޫނީ ގޮތުން ބަލައިގަނެވެން ނެތް ކަމަށެވެ.

ނިއުޔޯކާއި، ވޮޝިންގްޓަން އަދި ޕެންސިލްވޭނިއާގައި ތިންހާހެއްހާ މީހުން މަރުވި 9/11 ގެ ހަމަލާތަކަށް 25 އަހަރު ފުރެން ކައިރިވެފައިވާއިރު، ކޭއެސްއެމްއާއި މިއަމަލުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ އެހެން ތިން މީހެއްގެ ޝަރީއަތް ޖޫން 5، 2028 ގައި ފެށުމަށް ވަނީ ތާވަލުކޮށްފައެވެ.

ގުއަންޓަނާމޯ ބޭގައި ކުރިއަށްގެންދާ މި މައްސަލައިގައި ގާނޫނީ ގޮތުން އެންމެ ބޮޑު ބަހުސެއް އުފެދިފައިވަނީ، ސީއައިއޭގެ އަނިޔާތަކާ ކުރިމަތިލާންޖެހުނު މީހުންނަށް އިންސާފުވެރި ޝަރީއަތެއް ހިންގިދާނެކަމާމެދުގައެވެ.



ކިޔުންތެރިންގެ ހިޔާލު