ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ޝަރޫ ލޯންޗް ސަރވިސަސް އިން ފެނަކަ ކޯޕަރޭޝަނަށް 17 މިލިއަން ރުފިޔާ އަނބުރާ ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ދަމަހައްޓައިފި އެވެ.

ފެނަކައިން ޝަރޫ ލޯންޗު އަތުން 17 މިލިއަން ރުފިޔާ ހޯދުމަށް ދައުވާކުރީ، އެއް މިލިއަން ޑޮލަރު ގަތުމަށް ފެނަކަ ކޯޕަރޭޝަންއިން ޝަރޫ ލޯންޗް ސާވިސްއަށް 17 މިލިއަން ރުފިޔާ ހަވާލުކުރިއިރު، ފެނަކައަށް ޑޮލަރު ގަންނަން ޝަރޫއަށް ފައިސާ ދިނުމުން ދިން ޑޮލަރު ޗެކްތައް ބައުންސްވެފައިވާތީ އެވެ. 2017 ވަނަ އަހަރުގެ އޮގަސްޓްމަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ މި ފައިސާ ހަތަރު މަސް ތެރޭގައި ދެއްކުމަށެވެ.

އެ މައްސަލަ ޝަރޫއިން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝަރޫ ލޯންޗް ސަރވިސަސް އަށް 17 މިލިއަން ރުފިޔާ ފެނަކައިން ދިން ކަމަށާއި، އަދި ޝަރޫއިން ފެނަކައަށް ދޫކުރިި ޑޮލަރު ޗެކުތައް ބައުންސްވުމާ ގުޅިގެން އެ ފައިސާ ލިބިފައިނުވާ ކަމަށެވެ. އަދި އެކަމާ މެދު ދެ ފަރާތުގެ ދެމެދުގައި އެއްވެސް ސުވާލެއް ނެތް ކަމަށާއި އެ ފައިސާ އަކީ ޝަރޫއިން ފެނަކައަށް އަނބުރާ ދައްކަން ޖެހޭ ފައިސާކަމަށް ހައި ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

ހައި ކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން، ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ 17,857,979.10ރ. (ސަތާރަ މިލިއަން އަށްސަތޭކަ ފަންސާސް ހަތްހާސް ނުވަސަތޭކަ ހަތްދިހަ ނުވަރުފިޔާ ދިހަލާރި) އަކީ ޑޮލަރު ގަތުމަށްޓަކައި ދޫކޮށްފައިވާ ފައިސާއެއްކަން އެނގެން އޮންނައިރު، ޑޮލަރަކީ ބޭރު ފައިސާއަކަށްވެފައި، ޑޮލަރު ގަތުމަށްޓަކައި ދިވެހި ރުފިޔާ ދޫކުރުމުގެ ކުރިން އެ ފައިސާ ދޫކުރެވެނީ، ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ފަރާތަކަށްކަން ކަށަވަރުކުރުމަކީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ލާޒިމުކަމެއް ކަމަށެވެ.

ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަކީ ޤާނޫނީ ގޮތުން ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އޮންނަ ފަރާތެއްކަން ކަށަވަރު ކުރުމަކާނުލައި، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުން ޝަރޫ ލޯންޗް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދިން ދިނުމަކީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިސްފަރާތްތަކުންވެސް ޝަރުޢީ ޤާނޫނީ ގޮތުން ހުއްދަނޫން މުޢާލަމާތެއްގެ ތެރެއަށް ވަނުމުގެ ޒިންމާ ޤާނޫނީ ގޮތުން އުފުލަންޖެހުމުގެ އިތުރުން އެ ކަމުގެ ތަޤްޞީރީ ޒިންމާވެސް އުފުލަންޖެހޭނެކަމަށް ޙުކުމުގައިވެއެވެ.

ހައި ކޯޓުން މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗްގައި ހިމެނެނީ ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން