މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު
މިނިސްޓަރ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް ޙަސަން ޒަރީރު
ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމުގެ ބޭނުމުގައި 645 މިލިއަން ރުފިޔާގެ ޓްރެޜަރީ ބިލް ޓީ-ބިލް ވިއްކުމަށް މިނިސްޓްރީ އޮފް ފިނޭންސުން ހުޅުވާލައިފިއެވެ.

ޓީ-ބިލަކީ ސަރުކާރުގެ ކުރު މުއްދަތުގެ މާލީ ބޭނުންތައް ފުއްދުމަށްޓަކައި ދޫކުރާ ސެކިއުރިޓީޒްގެ ބާވަތެކެވެ. ރާއްޖޭގައި މިފަދަ ޓީ-ބިލް ދޫކުރަނީ ދިވެހި ރުފިޔާއިން ޑިސްކައުންޓް ރޭޓެއްގައި ވިއްކުމަށްފަހު، މުއްދަތު ހަމަވުމުން އޭގެ މޫނުމަތީ އަގު (ފޭސް ވެލިއު) އަނބުރާ ދައްކާ ހަލާސްކުރާ އުސޫލުންނެވެ.

މިގޮތުން މިފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ކަނޑައެޅިފައިވަނީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ.

މާލީ ވުޒާރާއިން ވިއްކަން އިޢުލާނުކޮށްފައިވާ ޓީ-ބިލްތަކުގެ ތެރޭގައި ހިމެނެނީ، އަންނަ އޮކްޓޫބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ދައްކާ ގޮތަށް ވިއްކާ 265 މިލިއަން ރުފިޔާގެ ޓީ-ބިލާއި، މިއަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހަށް މުއްދަތު ހަމަވާ 50 މިލިއަން ރުފިޔާގެ ޓީ-ބިލާއި، އަންނަ އަހަރުގެ މާރިޗު މަހުގެ 8 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 247 މިލިއަން ރުފިޔާގެ ޓީ-ބިލާއި، އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހަށް މުއްދަތު ހަމަވާ ގޮތަށް ވިއްކާ 83.4 މިލިއަން ރުފިޔާގެ ޓީ-ބިލެވެ.

ސަރުކާރުން ވިއްކާ މިފަދަ ޓީ-ބިލްތައް އާންމުކޮށް ގަންނަނީ މޯލްޑިވްސް ރިޓަޔާމަންޓް ޕެންޝަން އޮފީހުގެ އިތުރުން ރާއްޖޭގައި ހިންގާ ވިޔަފާރި ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ވިޔަފާރި ކުންފުނިތަކުންނެވެ. ސަރުކާރުގެ ކޭޝްފްލޯ މެނޭޖްކުރުމަށް މިފަދައިން ޓީ-ބިލް ވިއްކަމުން ގެންދެއެވެ.



ކިޔުންތެރިންގެ ހިޔާލު