ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު -- ފޮޓޯ: ސްޓެލްކޯ
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު -- ފޮޓޯ: ސްޓެލްކޯ
ޚިދުމަތުގައި ގިނަ ދުވަސްވީ ތަޖުރިބާކާރު މުވައްޒަފުން ކުންފުންޏާ ވަކިވެގެން ދިއުމަކީ ފޫނުބެއްދޭނެ ބޮޑު އުނިކަމެއް ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރު ވިދާޅުވެއްޖެއެވެ.

ޑރ. އަޒްވަރު މިހެން ވިދާޅުވީ، ސްޓެލްކޯއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ދެ މުވައްޒަފެއްގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ޚާއްޞަ ޙަފްލާގައެވެ.

މި ޙަފްލާގައި ޝަރަފުވެރިކަމާއެކު ވަކިވެވަޑައިގެންނެވި ދެ ބޭފުޅުންނަކީ، ފާއިތުވި 48 އަހަރު ކުންފުންޏަށް ޚިދުމަތްކުރެއްވި ސަރވިސް އިންޖިނިއަރ މުޙައްމަދު މަނިކާއި، 37 އަހަރު ޚިދުމަތްކުރެއްވި އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަޙްމަދު މައުރޫފެވެ. މި ދެ ބޭފުޅުންގެ އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލައާއި އިނާމު ވަނީ އަރުވާފައެވެ.

ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒްވަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުންފުނީގެ އުމްރާނީ ވަސީލަތްތަކާއި އިންޖީނުތައް އައު ކުރެވުނު ނަމަވެސް، ދިގު މުއްދަތުގެ ޚިދުމަތުން މުވައްޒަފުން ހޯދާފައިވާ އަގުހުރި ތަޖުރިބާއާއި "އިންސްޓިޓިއުޝަނަލް މެމޮރީ" އަކީ އަލުން ހޯދަން ނުހަނު ދަތި އެއްޗެކެވެ.

ނަމަވެސް، އެ ބޭފުޅުން ވަކިވެވަޑައިގަންނަވަނީ ފަހުގެ ޖީލުތަކަށް މަސައްކަތުގެ މައިދާނުގައި ރަނގަޅު ނަމޫނާއެއް ދައްކަވައި، އަގުހުރި ލެގަސީއެއް ދޫކުރައްވާފައި ކަމަށްވާތީ، އެ ޚިދުމަތުގެ އަސަރު ކުންފުނީގައި އަބަދުވެސް ދެމިއޮންނާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު