ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން-
ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން-
ލައިގެން ހުރި ބޮކްސާ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 18 ރަބަރު ޕެކެޓާއި ޖީބުން ފައިސާ ފެނުނު މީހަކު 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ނޭކުރެންދޫ، އިރުދޭމާގޭ، އުމުރުން 35 އަހަރުގެ ޙުސައިން ރިޔާޒެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތިން ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައި ބުނެފައިވަނީ ރިޔާޒުގެ މައްޗަށް އެކަށީގެންވާ މިންވަރަށް ތުހުމަތުކުރެވޭ ހެކި ފުލުހުންގެ ފަރާތުން ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ސީނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓާ ހަވާލާދީ ކޯޓު އަމުރުގައި ބުނެފައިވަނީ، އޭނާ ލައިގެން ހުރި ބޮކްސާއާއި ހަށިގަނޑާ ދެމެދުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން، އޭނާ ލައިގެން ހުރި ޖިންސުގެ ކަނާތްފަރާތު ފަހަތު ޖީބުން ފައިސާތަކެއް ފެނިފައިވާ ކަމަށްވެސް އެ އަމުރުގައި ފާހަގަކޮށްފައިވެއެވެ.

ކޯޓުގައި އޭނާގެ ފަރާތުން ބުނެފައިވަނީ، އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށާއި، މިހާރުވެސް މަސްތުވާތަކެތީގެ ފަރުވާ ޕްރޮގްރާމެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރަމުން އަންނަ މީހެއް ކަމަށެވެ. ނަމަވެސް، މައްސަލައިގެ ކުޑަބޮޑުމިނަށާއި ހުށަހެޅިފައިވާ ހެކިތަކަށް ރިއާޔަތްކޮށް، ތަހުގީގު މަރުހަލާ ކުރިއަށް ގެންދިއުމަށްޓަކައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު