އައިޖީއެމްއެޗް-
އައިޖީއެމްއެޗް-
މި ދުވަސްވަރު ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ، އެކަމަށް އާންމުން ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ، ރާއްޖޭގެ އެކި ހިސާބުތަކުގައި މި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާތީ، ކޮންމެ މީހަކުވެސް އަމިއްލަ ސާފުތާހިރުކަމަށް ހާއްސަ އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އެގޮތުން ބަލިން ރައްކާތެރިވުމުގެ އެންމެ މުހިންމު އެއް ފިޔަވަޅަކީ ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން ކަމަށްވާއިރު، ހާއްސަކޮށް ފާހާނާ ކުރުމަށްފަހު އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ރަނގަޅަށް އަތްދޮވުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ގޭތެރޭގެ ސާފުތާހިރުކަން ދެމެހެއްޓުމަށާއި، ފާހާނާ ބޭނުންކުރުމަށްފަހު ރަނގަޅަށް ޑިސްއިންފެކްޓްކޮށް ސާފުކުރުމަށްވެސް އެ އެޖެންސީން ބާރުއަޅައެވެ.

މި ބަލި ޖެހިއްޖެނަމަ ހަށިގަނޑުން ފެން މަދުވިޔަ ނުދިނުމަކީ އެންމެ އިސްކަންދޭންޖެހޭ ކަންތަކެވެ. އެހެންކަމުން ގިނަގިނައިން ލޮނުޕެކެޓާއި، ފެނުގެ އިތުރުން ސޫޕް އަދި ކަނދި ފަދަ ފައިދާހުރި ދިޔާތަކެތި ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

މީގެއިތުރުން، ބަލީގެ ނުރައްކާތެރި އަލާމާތްތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ ހަނދާންކޮށްދީފައެވެ. އެގޮތުން ހުއްޓުމެއްނެތި ގިނައިން ހޮޑުލެވުމާއި، މާބޮޑަށް ވަރުދެރަވެ ދިޔާތަކެތި ނުބޮވުމާއި، ބޮލަށް އެނބުރުން އެރުމާއި، އާދަޔާ ހިލާފަށް ކަރުހިއްކުމާއި، ބަނޑުގައި ގަދައަށް ރިއްސުން ފަދަ އަލާމާތްތައް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދަންޖެހެއެވެ. އަދި ބޮޑުކަމުދާ ތަކެތީގައި ނުވަތަ ހޮޑުގައި ލޭގެ އަސަރު ހުރުމާއި، ކުޑަކަމުދެވޭ މިންވަރު އާދަޔާ ހިލާފަށް މަދުވެއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ ގޮތުން، ބަލީގެ އަލާމާތެއް ފެނިއްޖެނަމަ، އަދި އަލާމާތްތައް ރަނގަޅުވި ނަމަވެސް 24 ގަޑިއިރު ވަންދެން ކުޑަކުދިން ސްކޫލަށް ނުފޮނުވުމަށާއި ބޮޑެތި މީހުންވެސް ވަޒީފާއަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ސިއްހީ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު