އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމުގެ ތެރެއިން، ފޮޓޯ: އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީގެ މަސައްކަތްތައް ދަރިވަރުންނަށް ދައްކާލުމުގެ ތެރެއިން، ފޮޓޯ: އެމްޑަބްލިއުއެސްސީ
ދުނިޔޭގެ އިންޖިނިއަރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުންނަ މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މަރުކަޒުތަކުގެ ދޮރުތައް ސްކޫލު ދަރިވަރުންނަށް ހުޅުވާލައި، އެ ކުންފުނީގެ މަސައްކަތްތައް ޢަމަލީ ގޮތުން ތަޖުރިބާކުރުމުގެ ޚާއްޞަ ފުރުޞަތުތަކެއް ފަހިކޮށްދީފިއެވެ.

މި ހަރަކާތުގެ ދަށުން އެމްޑަބްލިއުއެސްސީގެ މަރުކަޒުތަކަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ދީފައިވަނީ ރ. ދުވާފަރާއި ހދ. ކުޅުދުއްފުށީގެ އިތުރުން، އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމީދޫގެ ސްކޫލް ދަރިވަރުންނަށެވެ. މި ޒިޔާރަތްތަކުގައި، އެ ކުންފުނީގެ އޮޕަރޭޝަންތައް ހިނގާ ގޮތާއި، ބޭނުންކުރަމުންދާ ޒަމާނީ ވަސީލަތްތަކުގެ އިތުރުން، އެ ރަށްރަށުގައި މިހާރު ކުރިއަށްދާ މުހިންމު މަޝްރޫޢުތަކާ ބެހޭ މަޢުލޫމާތު ދަރިވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.

އެމްޑަބްލިއުއެސްސީން މީސްމީޑިއާގައި ހިއްސާކުރި މަޢުލޫމާތުގައި ބުނެފައިވަނީ، މި ޒިޔާރަތްތަކުގެ ސަބަބުން ރަށްރަށުގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެ ކުންފުނީގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ލޮލުން ދެކިލުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދިޔަ ކަމަށެވެ. އަދި މުޖުތަމަޢުތައް ބިނާކުރުމުގައާއި، ރަށްރަށުގެ ތަރައްޤީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި އިންޖިނިއަރުން އަދާކުރާ މުހިންމު ދައުރު ވަރަށް ގާތުން ދެނެގަތުމަށް މި ހަރަކާތުގެ ސަބަބުން މަގުފަހިވެގެންދިޔަ ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މީގެއިތުރުން، ޤައުމުގެ މުސްތަޤްބަލު ކަމުގައިވާ އަންނަން އޮތް ޖީލަށް މަރުޙަބާ ކިޔައި، އިންޖިނިއަރިންގގެ ދާއިރާއިން ކަންކަން އުނގެނުމަށާއި ހޯދައި ބެލުމުގެ ފުރުޞަތު އެކުދިންނަށް ފަހިކޮށްދެވުމަކީ ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އަދި މި ތަޖުރިބާގެ ސަބަބުން މި ދާއިރާއިން ކުރިއަށް ދިއުމަށް ގިނަ ދަރިވަރުންތަކަކަށް އައު ހިތްވަރަކާއި ޝައުޤުވެރިކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން އުންމީދުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް