ހޫނުގަދަ ދުވަހެއް-
ހޫނުގަދަ ދުވަހެއް-
ދުނިޔޭގެ މޫސުމީ ނިޒާމަށް އަންނަ ބަދަލުތަކާ ގުޅިގެން އުފެދޭ "އެލްނީނޯ" ގެ އަސަރު ރާއްޖެއަށް އެންމެ ވަރުގަދައަށް ފޯރާނީ ކުރިއަށް އޮތް ނޮވެންބަރު މަހު ކަމަށް ލަފާކުރެވޭތީ، އެކަމަށް ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން އަންގައިފިއެވެ.

މެޓް އޮފީހުން މިދިޔަ މަހުގެ ފަހުކޮޅު ހާމަކޮށްފައިވާ ގޮތުގައި، ދުވަހެއް ދުވަހަކަށް އެލްނީނޯގެ ބާރު އަންނަނީ ގަދަވަމުންނެވެ. އަދި އެ އިދާރާއިން މި ހާލަތު ވަރަށް ގާތުން މޮނީޓަރު ކުރަމުންދާ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެލްނީނޯއަކީ ޕެސިފިކް ކަނޑުގެ މެދުތެރެއާއި އިރުމަތީ ސަރަހައްދުގައި ކަނޑުގެ ލޮނުގަނޑު އާދަޔާ ހިލާފަށް ހޫނުވުމާ ގުޅިގެން މުޅި ދުނިޔޭގެ މޫސުމަށް އަންނަ ބޮޑެތި ބަދަލުތަކެކެވެ. މިއީ ވަކި ތަރުތީބަކުން ނޫން ނަމަވެސް، ކޮންމެ 2 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ކުރިމަތިވާ ގުދުރަތީ ހާދިސާއެކެވެ. އާންމުގޮތެއްގައި މި ކަމުގެ އަސަރު 9 މަހާއި 12 މަހާ ދެމެދުގެ މުއްދަތަކަށް ދެމިގެންދާއިރު، ބައެއް ހާލަތްތަކުގައި އެތައް އަހަރަކަށް ވެސް މިކަން ދިގުލައިގެންދެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖެއަށް މި ކަމުގެ އެންމެ ނޭދެވޭ އަސަރު ފޯރާނީ ނޮވެންބަރު މަހު ކަމަށާއި، މިއަންނަ އަހަރުގެ ފެބުރުވަރީ މަހާ ހަމައަށް އެ ހާލަތު ދެމިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެ މުއްދަތުގައި ރާއްޖެއަށް ވާރޭ ވެހޭ މިންވަރު އާދަޔާ ހިލާފަށް މަދުވެ، ގައުމުގެ ފިނިހޫނުމިން އާންމު މިންވަރަށް ވުރެ މައްޗަށް ދާނެ ކަމަށް ވެސް އެ އިދާރާ

އިން ލަފާކުރެއެވެ.

މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމުގެ އިންޒާރު މެޓުން ވަނީ ދީފައެވެ.

އެހެންކަމުން، މޫސުމަށް އަންނަ މި ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތަކުން ސަލާމަތްވުމަށްޓަކައި، ރާއްޖޭގެ އިގްތިސާދުގެ މައި ތަނބުތައް ކަމުގައިވާ ފަތުރުވެރިކަމާއި، މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ސިނާއަތުން ހާއްސަ ސަމާލުކަމެއް ދީގެން ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް