ދިވެހިރާއްޖޭގެ މެޖިސްޓްރޭޓް ކޯޓުތައް ހިންގުމަށް ޚާއްޞަ އައު ޤަވާޢިދެއް ވުޖޫދަށް އައުމަކީ، ވޭތުވެދިޔަ 18 އަހަރު ދުވަހުގެ ތެރޭގައި ޝަރުޢީ ދާއިރާއަށް ހޯދުނު އެންމެ ބޮޑު އެއް ކާމިޔާބީ ކަމުގައި އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަބްދުލްޣަނީ މުހައްމަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ލ. ފޮނަދޫގައި ބޭއްވުނު މެޖިސްޓްރޭޓް ކޯޓުތަކުގެ އައު ޤަވާޢިދަށް ފަނޑިޔާރުންނާއި މުވައްޒަފުން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، 2008 ވަނަ އަހަރު ޢަމަލުކުރަންފެށި ފެހި ޤާނޫނުއަސާސީއާއެކު އޭރުގެ ޖަސްޓިސް މިނިސްޓްރީ އުވިދިޔުމާ ގުޅިގެން، މެޖިސްޓްރޭޓް ކޯޓުތަކުގެ ޤަވާޢިދު ބާޠިލުވެ، ފާއިތުވި ދިގު މުއްދަތުގައި އެ ކޯޓުތައް ހިންގަމުން އައީ ކޯޓުތަކަށް ލިބިދޭ ޠަބީޢީ އަދި ވިރާސީ ބާރުގެ ތެރެއިންކަން ހިތާމައާއެކު ފާހަގަކުރެއްވިއެވެ. ނަމަވެސް، މެޖިސްޓްރޭޓުންގެ އިސްނެންގެވުމާއެކު އެކުލަވާލައި ސުޕްރީމް ކޯޓަށް ހުށަހެޅުނު މި ޤަވާޢިދަކީ އެ ހުސްކަމަށް ގެނެވުނު ދާއިމީ އަދި ހަރުދަނާ ޙައްލެއް ކަމުގައި ވިދާޅުވިއެވެ. މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އައު ޤަވާޢިދުގެ ސަބަބުން ޝަރުޢީ ނިޒާމަށް އަންނާނެ މުހިންމު އިޞްލާޙުތައް:

ރަޖިސްޓްރާރުގެ މަޤާމު އުފެއްދުން: މެޖިސްޓްރޭޓް ކޯޓުތަކަށް އަލަށް ތަޢާރަފްކުރެވޭ ރަޖިސްޓްރާރުގެ މަޤާމުގެ ސަބަބުން، މައްސަލަތައް އިބްތިދާއީ މަރުޙަލާގައި ދިރާސާކޮށް ބެލެހެއްޓުމަށް މަގުފަހިވެ، ފަނޑިޔާރުންނާއި އިދާރީ އިސްވެރިންނަށް އެބޭފުޅުންގެ އަސާސީ މަސައްކަތްތަކަށް ފުރިހަމައަށް ވަގުތު ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.

ޚިދުމަތްތަކުގެ ފެންވަރު އެއްހަމަކުރުން: ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ކޯޓުތަކުން މައްސަލަ ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގެ އިޖުރާއާތުތަކާއި، އިދާރީ ފީ ނެގުމުގައި ގެންގުޅުނު ތަފާތުތައް ނިމުމަކަށް ގެނެވި، މުޅި ރާއްޖެއަށް އެއް އުޞޫލަކުން، ހަމަހަމަކަމާއެކު އަވަސް ޚިދުމަތެއް ލިބިގެންދާނެއެވެ.

އިދާރީ ހިންގުން ހަރުދަނާކުރުން: ޖުޑީޝަލް ދާއިރާގެ ޢާންމު މަޖިލީހާއި އަހަރީ ބައްދަލުވުންތައް ބޭއްވުމުގެ އިންތިޒާމު ހަމަޖެހި، މުވައްޒަފުންގެ އަގުވަޒަންކުރުމަށާއި ފަންނީ ޤާބިލުކަން އިތުރުކުރުމަށް ފަހި މާޙައުލެއް ޤާއިމުވެގެންދާނެއެވެ.

މީގެއިތުރުން، ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް އޮންލައިންކޮށް މައްސަލަ ހުށަހެޅުމާއި، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ޝަރީޢަތްތައް ހިންގުމާއި، ބަންދާމެދު ގޮތެއް ނިންމުމުގެ އުޞޫލުތަކާއި، ފަނޑިޔާރުން މައްސަލަތަކުން ތަނާޒުލުވުމުގެ ހަމަތަކުގެ އިތުރުން، ކައިވެންޏާއި ވަރީގެ މައްސަލަތައް އަދި ޚަރަދުގެ މައްސަލަތައް ހިންގާނެ ހަރުދަނާ އުޞޫލުތައްވެސް މި ޤަވާޢިދުގައި ވަނީ އެކަށައަޅާފައެވެ.

މި ޤަވާޢިދަށް އަހުލުވެރިކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ 14 ތަމްރީނު ސެޝަނެއްގައި ޖުމްލަ 1,100 އަށްވުރެ ގިނަ ފަނޑިޔާރުންނާއި މުވައްޒަފުން ބައިވެރިވެފައިވާއިރު، މިއީ ޝަރުޢީ ދާއިރާގައި ހުރިހާ ފަންތިއެއްގެ މުވައްޒަފުން އެއްފަހަރާ ބައިވެރިކޮށްގެން ހިންގުނު އެންމެ ބޮޑު ތަމްރީނު ޕްރޮގްރާމެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، އަންނަ މަހުން ފެށިގެން މި ޤަވާޢިދަށް ޢަމަލުކުރަން ފެށުމާއެކު، އޭގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، އިންސާފުވެރިކަމާއި، ހަލުވިކަމާއި، އޯގާތެރިކަމާއެކު ޚިދުމަތް ދެއްވުމަށް ހުރިހާ ފަނޑިޔާރުންނަށާއި މުވައްޒަފުންނަށް އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް