ފޮޓޯ: އެމްޕީއެލް
ފޮޓޯ: އެމްޕީއެލް
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މާލީ ހިންގުން ބޮޑުތަނުން ރަނގަޅުވެ، 2025 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 59.9 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ މާލީ ބަޔާނަށް ބަލާއިރު، 2024 ވަނަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބުނު 27.8 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއީ ދެގުނައަށް ވުރެ ބޮޑު ކުރިއެރުމެކެވެ. އަދި 2024 ވަނަ އަހަރު ކުންފުންޏަށް 860.5 މިލިއަން ރުފިޔާގެ ޖުމްލަ އާމްދަނީއެއް ލިބުނުއިރު، މިދިޔަ 2025 ވަނަ އަހަރު މި އަދަދު ވަނީ 949.9 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އޮޑިޓަރ ޖެނެރަލް ޙުސައިން ނިޔާޒީ ވިދާޅުވީ އެމްޕީއެލްގެ މާލީ ހިސާބުތައް ތައްޔާރުކޮށްފައިވަނީ ބައިނަލްއަޤްވާމީ މާލީ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި، މި ބަޔާންތަކުން ކުންފުނީގެ މާލީ ހަޤީޤީ ހާލަތު ސައްޙަކޮށް ސާފުކޮށް އެނގެން އޮތް ކަމަށެވެ.

ކުންފުނީގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ކާގޯ އޮޕަރޭޝަންތަކުންނެވެ. އެގޮތުން އުޅަނދުތަކަށް މުދާ ލޯޑުކުރުމުން 314 މިލިއަން ރުފިޔާ އަދި މުދާ އަންލޯޑު ކުރުމުގެ ޚިދުމަތުން 276 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެއިތުރުން އުޅަނދުތައް ބަނދަރުކުރުމާއި ޕައިލެޓޭޖް ޚިދުމަތުން 138 މިލިއަން ރުފިޔާ ލިބުނުއިރު، ކާގޯ ކްލިއަރެންސް އިން 86 މިލިއަން ރުފިޔާ އަދި ހުސް ކޮންޓެއިނަރު ހޭންޑްލިންގ އާއި ވެސެލް ލޯޑިންގ ޚިދުމަތުން 75 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ފެނާއި ކަރަންޓުގެ ޚިދުމަތުން 37 މިލިއަން ރުފިޔާ، އުޅަނދުފަހަރާއި އިކުއިޕްމަންޓް ކުއްޔަށް ދީގެން 10 މިލިއަން ރުފިޔާ، އަދި ކާގޯ ލިފްޓިންގ އިން 2.4 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

އެހެން ކުންފުނިތަކަށް ފޯރުކޮށްދިން ޚިދުމަތްތަކުން އެމްޕީއެލްއަށް ލިބުނު އާމްދަނީއަށް ބަލާއިރު، އެންމެ ބޮޑު އަދަދެއް ލިބުނީ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިންނެވެ. އެއީ 162 މިލިއަން ރުފިޔާއެވެ. ދެން އެންމެ ގިނައިން އާމްދަނީ ލިބުނު ކުންފުނިތަކުގެ ތެރޭގައި އެސްޓީއޯ އިން ލިބުނު 26 މިލިއަން ރުފިޔާއާއި، ހިތަދޫ ޕޯޓުން ލިބުނު 21 މިލިއަން ރުފިޔާގެ އިތުރުން ފެނަކައިން ލިބުނު 13.4 މިލިއަން ރުފިޔާއާއި އެމްޓީސީސީން ލިބުނު 11 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން ކުޅުދުއްފުށީ ޕޯޓުން 6.7 މިލިއަން ރުފިޔާ، މިފްކޯއިން 6.3 މިލިއަން ރުފިޔާ، އެމްއޭސީއެލްއިން 2.6 މިލިއަން ރުފިޔާ، އެފްއެސްއެމްއިން 2.5 މިލިއަން ރުފިޔާ، ޕީއެސްއެމްއިން 1.9 މިލިއަން ރުފިޔާ، ސްޓެލްކޯއިން 1.6 މިލިއަން ރުފިޔާ އަދި އެމްޑަބްލިޔުއެސްސީން 1.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި މޯލްޑިވް ގޭހުން 909،977 ރުފިޔާ، އައިލެންޑް އޭވިއޭޝަނުން 328،021 ރުފިޔާ، ވަމްކޯއިން 115،808 ރުފިޔާ، އަދި އެޗްޑީސީން 26،518 ރުފިޔާ ލިބިފައިވާ ކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް