10 މީހުންނަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތައް އެއްތަނެއްގައި ފުރަބަންދު ކަރަންޓީން ވުމުގައި ޢަމަލު ކުރަންވީގޮތުގެ އުސޫލެއް އެކުލަވާލައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ބުނީ، މިފަދަ އުޞޫލެއް އެކުލަވާލީ ކޯވިޑް-19 ފެތުރިގެން ދިއުމުގެ ފުރުޞަތު ކުޑަކުރުމަށް ކަމަށެވެ.

އެޗް.ޕީ.އޭއިން އެކުލަވާލި އުޞޫލުގައި ކުންފުންޏަކުން ނުވަތަ މުއައްސަސާއަކުން ސްޕޮންސަރ ކޮށްގެން، ވަކި މަސައްކަތަކަށް ނުވަތަ ޓްރެއިނިންގްއަކަށް ނުވަތަ އެފަދަ އެހެން ކަމަކަށްޓަކައި، ރާއްޖެއިން ބޭރުން އަންނަ މީހުން ނުވަތަ މާލޭގައި ދިރިއުޅޭ މީހުން ނުވަތަ ކޮވިޑް-19 ފެތުރިފައިވާ ރަށަކުން، ބަލި ފެތުރިފައިނުވާ އެހެން ރަށަކަށް، 10 މީހުންނަށް ވުރެ ގިނަ މީހުން އެކުގައި ކަރަންޓީނުވެ ތިބުމަށް ހަމަޖައްސައިގެން ފުރަބަންދު ކަރަންޓީނަށް ދާނަމަ، އަދި ކަރަންޓީނު ވެގެން ތިބޭނީ ގިނަ މީހުން އެއްކޮށް އެއް ކޮޓަރިއެއް ނުވަތަ ޑޯރމިޓަރީ ނުވަތަ ބެރެކްސްއެއްގައި ނަމަ، އަމަލުކުރަންވީގޮތް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ރާއްޖޭގައި އުޅޭ ދިވެހިންނާއި، ބިދޭސީން ކޮމިއުނިޓީ ސްޕްރެޑް އޮތް ރަށަކުން ކޮމިއުނިޓީ ސްޕްރެޑް ނެތް ރަށަކަށް ދާނަމަ، ފުރުމުގެ 72 ގަޑިއިރުގެ ތެރޭގައި ޕީ.ސީ.އާރް ޓެސްޓު ހަދަން ޖެހޭނެއެވެ.

މި އުޞޫލުގައިވާގޮތުން ހުން އައުން، ކެއްސުން ފަދަ ކޯވިޑް-19ގެ އަލާމާމްތައް ހުރި ފަރާތެއް ނަމަ، ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް، ދަތުރުނުކޮށް މަޑުކުރަންވާނެއެވެ.

މި އުޞޫލުގައިވާގޮތުން ކަރަންޓީނުވުމަށް ދިއުމުގެ ކުރިން ހަދާފައިވާ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވިކަމުގައިވިޔަސް ރަށަށް ދިއުމަށްފަހު ކަރަންޓީނުވުމުގެ އާއްމު އުޞޫލާއި އެއްގޮތަށް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރަންޖެހޭނެއެވެ. އަދި 14 ދުވަސް ފުރިހަމަވުމުން ޕީ.ސީ.އާރް ޓެސްޓް ހަދާ ނަތީޖާ ނެގެޓިވްވުމުން ކަރަންޓީނުން ދޫކޮށްލެވޭނެކަމަށް އުސޫލުގައިވެއެވެ.

އެޗް.ޕީ.އޭގެ އުޞޫލުގައި މިގޮތަށް އަލާމާތްތައް ފެންނަ މީހުންގެ ޕީ.ސީ.އާރް ޓެސްޓުގެ ނަތީޖާ ނެގެޓިވްވެއްޖެނަމަ ފުރަބަންދު ކަރަންޓީނުގެ 14 ދުވަހުގެ ބާކީ އޮތް މުއްދަތު ފުރިހަމަކުރަންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކަރަންޓީނުގެ މުއްދަތު ހަމަވުމަށްފަހު ހަދާ ޓެސްޓުން ގްރޫޕުގައި ހިމެނޭ އެއްވެސް މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެނަމަ، އޭނާއާއެކުގައި އުޅުނު އެންމެންގެ ކަރަންޓީނުގެ މުއްދަތު އިތުރުވާނެކަމަށްވެސް މި އުޞޫލުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން