މާދަމާއިން ފެށިގެން އުމްރާއަށް ދިއުމުގެ ފުރުޞަތު ހުޅުވާލުމަށް ސައުދީ އަރަބިއްޔާއިން ނިންމައިފިއެވެ.

ކޯވިޑާއި ގުޅިގެން މުސްލިމްގެ މާތް ޙަރަމްފުޅު ބަންދުކޮށްފައި އޮންނަތާ 7 މަހަށްފަހު މި މަހު 4 ގައި އުމްރާގެ އަޅުކަމަށް އަލުން ހުޅުވާލިނަމަވެސް، އެފުރުޞަތު ދީފައިވަނީ ހަމައެކަނި ސައުދީގައި އުޅޭ މީހުންނަށެވެ. ނަމަވެސް ސައުދީން ވަނީ މާދަމާއިން ފެށިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން އުމްރާގެ އަޅުކަން އަދާކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައެވެ.

އަލުން ހުޅުވާލާއިރު އުމްރާއަށް ދިއުމުގެ ފުރުސަތު ދެނީ 18 އަހަރާއި 50 އަހަރާއި ދެމެދުގެ މީހުންނަށެވެ. ސައުދީ ޙައްޖު މިނިސްޓްރީން ބުނީ އުމްރާއަށް އެ ޤައުމަށް އަންނަ މީހުން ތިން ދުވަހުގެ މުއްދަތަށް ކަރަންޓީނުވާން ޖެހޭނެކަމަށެވެ. އަދި އުމްރާއަށް އާދެވޭނީ ޕީސީއާރު ޓެސްޓް ސެޓިފިކެޓެއް ހުށައަޅައިގެން ކަމަށާއި މި ޓެސްޓަކީ 72 ގަޑިއިރު ނުވާ ޓެސްޓަކަށް ވާންޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާގެ އަޅުކަމަށް ދާ މީހުން މައްކާގެ ޙަރަމްފުޅާއި މަދީނާގެ ނަބަވީ މިސްކިތައް ވަނުމަށް ރިޒަވޭޝަން ހައްދަންޖެހޭނެކަމަށާއި ސައުދީން ފުރާނެ ތާރީހުވެސް ކަނޑައެޅިފައި އޮންނަން ޖެހޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

އުމްރާއަށް ދިއުމަށް ހުޅުވާލާ މިފުރުސަތުގައި ފުރަތަމަ ހުއްދަ ދެނީވެސް ވަކި ޤައުމުތަކަކަށެވެ. ހުއްދަދޭ ޤައުމުތަކުން އުމްރާއަށް ގްރޫޕެއްގައި ގެނެވޭނީ ގިނަވަގެން 50 މީހުންނެވެ. އަދި ޤްރޫޕަކާއި ނުގުޅި އުމްރާއަށް އެތެރެ ނުވެވޭ ގޮތަށް އަދި ވަނީ ނިންމާފައެވެ.

ސައުދީ ސަރުކާރުން ވަނީ އުމްރާއަށް އަންނަ މީހުންނަށް ހާއްސަކޮށްގެން 1800 ހޮޓާ ހަމަޖައްސާފައެވެ. މި ތަންތަނުގައި ވަކި އުސޫލްތަކެއް ހިފެހެއްޓުމަށް އަންގާފައިވާކަމަށްވެސް ސައުދީ ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން