އިންޑިއާގެ ކޮޗިންއާއި ރާއްޖެއާ ދެމެދު ފެށި ކޮޗިން ފެރީގެ ޚިދުމަތް ޗޮކުން ދިޔައީތޯ ވިދާޅުވެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ކުރެއްވި ސުވާލަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ޖަވާބު ދެއްވައި ނިހާނު ރޭރުކޮށްލައިފިއެވެ.

ނިހާން ކުރެއްވި ޓްވީޓެއްގައި ވަނީ މިދިޔަ ސެޕްޓެމްބަރުމަހު ފެށި ކޮޗިން ފެރީގެ ޚަބަރެއް މިހާރު ނުވާކަމަށް ބުނެ، އެކަމަށް ވަރަށް ބޮޑަށް ހަޖޫ ޖައްސަވާފައެވެ. އަދި ކޮޗިން ފެރީ "ޗޮކުން" ދިޔައީތޯ ނިހާން ވަނީ ސުވާލު އުފައްދާއެވެ.



ނިހާން ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ކޮޗިން ފެރީ ޗޮކުން ނުދާ ކަމަށާއި އެފެރީ މިހާރު ދަނީ މާލެ ސަރަޙައްދަށް މުދާ ބާލަމުންކަމަށެވެ. އަދި މުދާ ބޭލުމަށްފަހު ކޮޗިންއަށް ގޮސް ނޮވެމްބަރުމަހުގެ 12 ވަނަ ދުވަހު އަނެއްކާވެސް އެނބުރި އަންނާނެކަމަށް އަމްރު ވިދާޅުވިއެވެ. އަދި އެ ފެރީން ނިހާން މުދާ ގެންނަން ބޭނުން ވަނީތޯ ވިދާޅުވެ އަމުރުވެސް ވަނީ މަލާމާތުގެ ރާގެއްގައި ނިހާނާ ސުވާލުކުރައްވާފައެވެ.



އަމްރުގެ ޓްވީޓަށް ޖަވާބުދެއްވަމުން ނިހާން ވިދާޅުވީ، އޭނާ ކޮޗިން ފެރީގެ ޚަބަރެއްވޭތޯ ބެލީ ކޮޗިންއިން މާލެއަށް މާ ގަސްކޮޅެއް ގެންނަން ކަމަށެވެ. އަދި އެ މާ ގަސްތައް ގެންނާނީ ފެރީގައިކަމަށްވެސް ނިހާން ވިދާޅުވެފައިވެއެވެ.



ކޮޗިން ފެރީއާ މެދު ސޯޝަލް މީޑިއާގައި ހޫނު ޒުވާބުތައް ކުރިއަށްދާއިރު، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ދަނީ ކޮޗިން ފެރީގެ މުހިއްމުކަމުގެ ވާޙަކަދައްކަމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހަޖޫ ޖަހަމުންނެވެ. އެގޮތުން މީހުންނާއި ކާގޯ އުފުލަން ކަމަށް ބުނެ ފެށި ފެރީގައި މިހާރު އުފުލަނީ ކާގޯ އެކަނިތޯ ވެސް ބައެއް މީހުން ސުވާލު ކުރަމުން ދެއެވެ.

ކޮޗިން ފެރީ ފެށުމުން ރާއްޖޭގެ ބޮޑެތި ވިޔަފާރި ވެރިންނަށް ގެއްލުންވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާއިރު ކޮޗިން ފެރީއިން ގެނައި ސިމެންތި ފަދަ މުދާ މާލޭގެ ބާޒާރަށްވުރެ އެތައް ގުނައެއް ހެއުކޮށް ރަށްރަށުގެ ފިހާރަތަކަށް ގަނޑުކޮށް ގަންނަން ލިބުނު ކަމަށާއި އެއީ އެރަށްތަކަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އެމްޑީޕީގެ މެންބަރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން