ހުޅުމާލޭގައި އަޅާ އެންމެ ބޮޑު މިސްކިތު ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހުޅުމާލޭގައި އަޅާ އެންމެ ބޮޑު މިސްކިތު ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން
ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ޖާގަ ތަނަވަސް މިސްކިތް ކަމަށްވާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މި ބޮޑު މަޝްރޫޢުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި އަޢުޤާފާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މިއީ ވޭތުވެދިޔަ ވިއްސަކަށް އަހަރު ދުވަހު ހުޅުމާލޭގެ މާސްޓަރ ޕްލޭންގައި އޮވެ، ކުރީގެ އެއްވެސް ވެރިކަމެއްގައި ހަގީގަތަކަށް ނުހެދި އޮތް މުހިންމު މަޝްރޫޢެއް ކަމަށެވެ. އަދި ކުރިން ސެންޓްރަލް ޕާކު ސަރަހައްދުގައި އަޅަން ނިންމި މި ބިނާގެ އަމަލީ މަސައްކަތް ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް އެ މަނިކުފާނު ދެއްވި ޚާއްސަ އިސްކަމުގެ ސަބަބުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްސީލު ހާމަކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، މިސްކިތުގެ އިމާރާތާއެކު އިސްލާމީ ހަޟާރަތާ ބެހޭ ޚާއްސަ މަރުކަޒެއްވެސް ތަރައްޤީ ކުރެވިގެންދާނެ ކަމަށެވެ. މި މަރުކަޒަކީ ރާއްޖެ އިސްލާމްދީން ޤަބޫލުކުރި ހިސާބުން ފެށިގެން ވޭތުވެދިޔަ ނުވަސަތޭކައެއްހާ އަހަރުގެ ދިގު ތާރީޚާއި ސަގާފަތް ފެންނަން ހުންނާނެ ތަނަކަށް ވެގެންދާނެއެވެ.

މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދަން ރާވާފައިވާ ވަޤުފް ބައިތަކުގެ ޤާނޫނީ ކަންކަން ވަކިން ހަމަޖައްސަމުންދާއިރު، ސަރުކާރުގެ އެންމެ ބޮޑު އިސްކަމަކީ މިސްކިތުގެ ބައި ވީހާވެސް އަވަހަކަށް ނިންމައި ޚިދުމަތަށް ގެނައުން ކަމަށްވެސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު