ބީއެމްއެލް (ފޮޓޯ: ސޯޝަލް މީޑިއާ)
ބީއެމްއެލް (ފޮޓޯ: ސޯޝަލް މީޑިއާ)
މިއަހަރުގެ ތިންވަނަ ކުއާޓާގައި ބޭންކް އޮފް މޯލްޑިވްސް އަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 259 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބޭންކުން ނެރެފައިވާ މާލީ ހިސާބުގައި ލަފާކޮށްފައިވަނީ ބޭންކުގެ މިއަހަރުގެ ޕްރޮވިޝަން ޗަރޖް އިތުރުވާނެކަމަށް ބެލެވޭތީ މި ނަތީޖާ ކުރިއަށް އޮތް ކުއާޓަރގައި ހާސިލްނުވުމަކީ އެކަށީގެންވާ ކަމެއްކަމަށާއި، އަދި މުޅި އަހަރުގެ މާލީ ނަތީޖާއިން މި ކުރިއެރުން ދައްކައިދޭނެ ކަމަށްވެސް ނުބެލެވޭ ކަމަށެވެ.

ބޭންކަށް އާމްދަނީގެ ގޮތުގައި ތިންވަނަ ކުއާޓާގައި ލިބިފައިވަނީ 646 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 465 މިލިއަން ރުފިޔާއަކީ އިންޓަރެސްޓާއި، އެ ބާވަތުގެ އެހެނިހެން އާމްދަނީއެވެ. އަަހަރުގެ ދެވަނަ ކުއާޓާގައި ބޭންކަށް ލިބުނު ޖުމްލަ އާމްދަނީއަކީ 551 މިލިއަން ރުފިޔާއެވެ. އަދި ދެވަނަ ކުއާޓާގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 106 މިލިއަން ރުފިޔާއެވެ.

ކޯވިޑް-19 އާ ގުޅިގެން ބޭންކުގެ ލިކުއިޑިޓީއަށް ނޭދެވޭ އަސަރުކޮށްފައިވީ ނަމަވެސް ބޭންކުން ވަނީ މި ބަލިމަޑުކަމުގެ ސަބަބުން މާލީ ގޮތުންނާއި އިގްތިޞާދީ ގޮތުން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން 2.2 ބިލިއަން ރުފިޔާއަށް ވުރެ ގިނަ އައު ލޯނު ދޫކޮށްފައެވެ. އަދި ބޭންކުގެ ލިކުއިޑިޓީ އާއި ކެޕިޓަލް ރޭޝިއޯ ހުރީ ގާނޫން ލާޒިމްކުރާ މިންގަނޑަށްވުރެ މަތީ އަދަދެއްގައި ހިފެހެއްޓިފައެވެ. މީގެ އިތުރުން އާންމު ފަރުދުންނާއި ވިޔަފާރިތަކަށް މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިކަމަށް އެހީތެރިވުމަށް ބީއެމްއެލް އިން ނަގާފައިވާ ލޯނު އަދި ފައިނޭންސިންގ ތަކަށް އަނބުރާ ދައްކަންޖެހޭ ފައިސާ އިތުރު 3 މަސްދުވަހަށް ވަނީ ފަސްކޮށްފައެވެ.

ބީއެމްއެލް އިން ބުނީ ސަރުކާރުގެ ކޯވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބޭންކުން އަންނަނީ ވިޔަފާރިތަކަށް ލޯނުވެސް ދޫކުރަމުން ކަމަށާއި މީގެ އިތުރުން ބީއެމްއެލް އިން ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި ފަތުރުވެރިކަމުގެ ދާއިރާއަށް މާލީ އެހީފޯރުކޮށްދިނުމުގެ ބޭނުމުގައި އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން އާ އެކު 50 މިލިއަން ޑޮލަރުގެ ފެސިލިޓީއަކާއި އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައި.ޓީ.އެފް.ސީ) އާއެކު 5 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ކަމަށެވެ.

މީގެ އިތުރުން މުޖުތަމައަށް ދެމުންދާ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އދ. މާމިގިލީގައި ވަނީ ސެލްފް ސަރވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވާފައި ކަމަށާއި، ހއ. ދިއްދޫ އަދި ސ. ހުޅުމީދޫގެ ބްރާންޗްގައި ޒަމާނީ ސެލްފް ސަރވިސް އޭޓީއެމް ބަހައްޓައިފައި ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ. އަދި މުޅިރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން އަތޮޅުތެރޭގައި ފައިސާ ޖަމާކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފޯރުކޮށްދޭ ކޭޝް އެޖެންޓުންގެ އަދަދު 40 އަށް އިތުރު ކުރެވިފައިވާ ކަމަށް ބޭންކުން ހާމަކޮށްފައިވެއެވެ.

އަދި މިއަހަރުގެ ތިންވަނަ ކުއާޓަރ ގައި ބޭންކުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގެ 10 ހޮސްޕިޓަލަކަށް ފަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓް ހަދިޔާކޮށްފައި ކަމަށާއި، މާލީ ދާއިރާއަށް ރައްޔިތުން ހޭލުންތެރިކުރުމަށާއި އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރަމުންދާ އަމަލުތަކުން ކަސްޓަމަރުން ރައްކާތެރިކޮށް، ހޭލުންތެރިކުރުވުމުގެ ގޮތުން އަތޮޅުތެރޭގައި މައުލޫމާތު ދިނުމުގެ ހަރަކާތްތައް ހިންގިފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ފުރަތަމަ ކުއާޓާގައި ބޭންކަށް ލިބުނު 291 މިލިއަން ރުފިޔާގެ ފައިދާއާއި ދެވަނަ ކުއާޓާގައި ލިބުނު 106 މިލިއަން ރުފިޔާއާއި ތިންވަނަ ކުއާޓާގައި ލިބުނު 258 މިލިއަން ރުފިޔާގެ ފައިދާއާއެކު، މި އަހަރުގެ މިހާތަނަށް ބޭންކަށް ޖުމްލަ 655 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެއެވެ. އަދި ޖުމްލަކޮށް އަހަރުގެ މިހާ ހިސާބަށް ބީއެމްއެލްއަށް އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


7

މޫސަބެ

01-Nov-2020

އަބަދުވެސް ފައިދާ ވާ ވާ ހަކަ އެކަމު ރައްޔިތުން ތިބީ އަންގަޔާ އަތާ ދިމާ ނުވާ ހިސާބުގަ


15

އައްބެ

01-Nov-2020

ތި ބެންކަކީ ސީދާ ރައްޔިތުން ފެލައިގެން މަކަރާ ހީލަތުން ހިންގާ ބެންކެއް


6

އަސްމާ

01-Nov-2020

ތިކަމުން ރައްޔިތުންނައް އޮތީ ކޮން ކަމެއް


8

ފާތުން

01-Nov-2020

ފައިދާ ފައިދާ އެކަމު ރައްޔިތުން ވަރައް ހާލުގަ އުޅެނީ


13

އަލީ

01-Nov-2020

ފައިދާ ކިތަންމެ ވަރަކައް ލިބުނަސް އެއަކުން ރައްޔިތުންނަކައް އެއްވެސް ފައިދާ އެއް ނެތެއްނު



ޓްރެންޑިން