ޕީޕިއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އެއްގެ ތެރެއިން
ޕީޕިއެމް އިން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އެއްގެ ތެރެއިން
ނޮވެންބަރު 3 ވަނަ ދުވަހުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން "ބަޑި ބުރާސްފަތީ"ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް އިދިކޮޅު ޕްރޮގުރެސިވް ކޯލިޝަނުން ނިއްމައިފިއެވެ.

ޕީޕީއެމް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ޕީޕަލްސް ނޭޝަނަލް ކޮންގުރެސްގެ ނައިބުރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ ކާނިވާ ސަރަހައްދުގައި ނޮވެމްބަރު 3ގެ ހާދިސާ ފާހަގަކުރުމަށް ގޮތުން ޖަލްސާ ބާއްވަން ހުއްދަ އަށް އެދި މާލޭ ސިޓީ ކައުންސިލާއި ސަރުކާރުގެ އިދާރާތަކަށް ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި އިދިކޮޅުގެ ޖަލްސާ އެޗްޕީއޭގެ ގައިޑްލައިން އާއި އެއްގޮތަށް ގައިދުރުކޮށްގެން ބޭއްވުމުގެ ހުއްދަ އަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިދިކޮޅުގެ ޖަލްސާ ބޭއްވުމުގެ ހުއްދަ ދޭން ސަރުކާރަށް ނުކުރޭނެ ކަމަށެވެ. މީގެ ކުރިންވެސް ނޮވެމްބަރު 3 ފާހަގަކުރުމަށް ޖަލްސާ ބޭއްވުމުގެ ހުއްދަ ސަރުކާރުން އިދިކޮޅު ކޯލިޝަނަށް ދީފައިނުވާ ކަން ޝުޖާއު ވަނީ ފާހަގަކުރައްވާފައެވެ.

މި ޖަލްސާއަކީ ނޮވެންބަރު 3ގެ ހާދިސާ އިހުތިފާލުކުރަން މި ސަރުކާރަށް ނުކެރޭނެތީ ކުލަގަދަކޮށް އެ މުނާސަބާ ފާހަގަކުރުމަށް ބާއްވާ ހަފުލާއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ މިސަރުކާރުން ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ހުއްދަ ނުދިނަސް "ބަޑިބުރާސްފަތި" ޖަލްސާ ކޮންމެވެސް ސިފައެއްގައި އަޅުގަނޑުމެން ބާއްވާނެކަން." ޝުޖާއު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެން ގޭގައި ތިބެން ޖެހިއްޖެނަމަ ޤައުމު ސަލާމަތްނުވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ޖަލްސާ އޮންނާނީ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގައެވެ. ޖަލްސާ އޮންނާނީ އެރޭ 8.00 ގައި ކަމަށްވެސް އިދިކޮޅު އިއްތިހާދުން ބުނެފައިވެއެވެ. ޤައުމު ދެކެ ލޯބިވާ ހުރިހާ ރައްޔިތުން ގައުމީ ދިދަ އާއެކު އިދިކޮޅުގެ ޖަލްސާގައި ބައިވެރިވުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ.

ނޮވެންބަރު 3 ވަނަ ދުވަހަކީ މިފަހުގެ ތާރީޚެއްގައި ދިވެހި ޚާއިނުންގެ ބަޔަކު ބޭރުގެ ކުލީ ސިފައިން ގޮވައިގެން މާލެއަރާ 19 ދިވެހީން ޝަހީދުކޮށްލި ހިތްދަތި ހަނދާންތަކެއް އެކުލެވޭ ތާރީޚީ ދުވަހެކެވެ. އެދުވަހު ޝަހީދުވި 19 މީހުންގެ ތެރޭގައި 8 ސިފައިން ވެސް ހިމެނެއެވެ. ނޮވެންބަރު 3 1988 ގައި ސަގަރު ނާސިރާއި އަބްދުﷲ ލުތުވީ އިސްވެ ތިބެ ސްރީ ލަންކާގެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން އެރޭ ފަތިހު މާލެއަރައި ހިންގި އުދުވާނީ ހަމަލާއިން ރާއްޖެ ސަލާމަތްވި ތާރީޚީ ދުވަސް ރާއްޖޭގައި އަންނަނީ ކުލަގަދަ ގޮތެއްގައި ފާހަގަ ކުރަމުންނެވެ. ނަމަވެސް އެމްޑީޕީގެ ވެރިކަމުގައި އެދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ނުކުރާ ކަމަށް ބުނެ ގިނަ ފާޑުކިއުންތަކެއް އަމާޒުވެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ސޮބާހު

01-Nov-2020

ތިކަމެއް ނުވާނެ ވެރިކަމުގެ ދަހިވެތި ކަމުގަ


-10

ހަސަން ފުޅު

01-Nov-2020

އެއްވާން ބޭނުމިއްޔާ ހައްޖައް ދޭބަލަ


7

އައްބެ

01-Nov-2020

ނިނެއް ފާހަގަ ކުރާކައް ނޫން ބޭ ނުމަކީ ސަރުކާރުގެ މައްޗައް ރުޅިވެރިކަން އުފެއްދުން


10

އައްސެ

01-Nov-2020

ނޮވެންބަރް 3 ކޭ ކިޔައިގެން ފިތުނަ އުފައްދައިގެން ވެރިކަން ވައްޓާލަން ވެގެން ތިއުޅެނީ ނުވާނެ ތިކަމެއް



ޓްރެންޑިން