ކަމަކާ ދިކުރު ބޮޑުވެފައި
ކަމަކާ ދިކުރު ބޮޑުވެފައި
ދިރިއުޅުމުގެ އެކި މަރުހަލާތަކުގައްޔާއި ދިމާވާ ކަންކަމުގެ ސަބަބުން ހާސްކަމާއި ފިކުރުބޮޑުވުން (އެންޒައިޓީ) ތަހައްމަލުކުރަންޖެހުމަކީ އާންމު ކަމެކެވެ. ނަމަވެސް، މިކަން ދިގުލައިގެން ގޮސް، އާންމު ދިރިއުޅުމަށް ބުރޫއަރާ ހިސާބަށް ދިއުމަކީ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތަށް ނުރައްކާވެދާނެ ކަމެކެވެ. މިފަދަ ހާލަތްތަކުގައި އަމިއްލަ ނަފްސު ހަމައަކަށް އެޅުވުމަށާއި، ދިގު މުއްދަތަކަށް ހާސްކަމުން އަރައިގަތުމަށް ބޭނުންކުރެވިދާނެ މުހިންމު އަދި ފައިދާހުރި އުކުޅުތަކެއް ސިއްހީ މައުލޫމާތު ފޯރުކޮށްދޭ މަޝްހޫރު ވެބްސައިޓް "ހެލްތުލައިން" ގައި ސިއްހީ މާހިރުން ވަނީ ހިއްސާކޮށްފައެވެ.

ހާސްކަން އިހުސާސްވާ ވަގުތު ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި، ނޭވާލުމުގެ ނިޒާމަށް ސަމާލުކަން ދިނުން ހިމެނެއެވެ. އެގޮތުން ފުންކޮށް، މަޑުމަޑުން ނޭވާލުމަކީ ހިތުގެ ތެޅުން މަޑުޖައްސައިދީ ސިކުނޑި ހަމައަކަށް އެޅުވުމަށް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން "3-3-3 ރޫލް" ނުވަތަ ވަށައިގެންވާ މާހައުލުން ފެންނަ 3 އެއްޗެއް، އިވޭ 3 އަޑެއް އަދި ހަށިގަނޑުގެ 3 ގުނަވަނެއް ހަރަކާތްކުރުން ފަދަ އުކުޅުތަކުގެ ސަބަބުން ސިކުނޑި އެވަގުތުގެ ހާލަތަށް ގެނެސްދީ، ބޭކާރު ފިކުރުތަކުން ދުރުކޮށްދެއެވެ. އަދި ހިތަށް އަރާ ނުބައި ވަސްވާސްތަކާއި ނުރަނގަޅު ވިސްނުންތަކާ ސުވާލުކޮށް، އެއީ ހަގީގަތެއްތޯ އަމިއްލަ ނަފްސާ ސުވާލުކުރުމަކީވެސް މުހިންމު ކަމެކެވެ.

ދިގު މުއްދަތަކަށް ހާސްކަމުން ރައްކާތެރިވެ، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް މާހިރުން ފާހަގަކުރެއެވެ. މިގޮތުން ކޮންމެ ދުވަހަކުވެސް ކަސްރަތު ކުރުމާއި، ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ނިދި ހޯދުމަކީ ކޮންމެހެން މުހިންމު ކަންކަމެވެ. ހަމައެއާއެކު، ހަށިގަނޑުގައި ހާސްކަން އިތުރުކުރާ މާއްދާތައް ކަމަށްވާ ކެފެއިން އަދި އެނާޖީ ޑްރިންކްސް ފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަކީ ނަފްސާނީ ހަމަޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

މީގެ އިތުރުން، މީހާ ހާސްކުރުވާ ކަންކަން ނުވަތަ "ޓްރިގާސް" ދެނެގަނެ، އެކަންކަމާ މެދު ކުރިއާލާ ވިސްނައި ތައްޔާރުވުމަކީ ބޭނުންތެރި އުކުޅެކެވެ. ހިތުގައި ހުންނަ އިހުސާސްތައް ފޮތެއްގައި ލިޔުމަކީ (ޖާނަލް ކުރުން) ވިސްނުންތައް ތަރުތީބުކޮށްދީ، ހާސްކަން ކުޑަކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވެއެވެ. އަދި އާއިލާއާއި ގާތް ރައްޓެހިންނާ ގުޅުން ބަދަހިކޮށް، ހިތްހަމަޖެހޭ މީހުންނާއެކު ވަގުތު ހޭދަކުރުމާއި، ދީނީ ކަންކަމަށް ސަމާލުކަންދީ، ހިތްހަމަޖެހުން ހޯދުމަކީ ނަފްސާނީ ގޮތުން ބޮޑު ހިތްވަރެއް ލިބޭނެ ކަމެކެވެ.

ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، އަމިއްލައަށް ކުރާ މިފަދަ މަސައްކަތްތަކުން ހާސްކަމަށް ލުޔެއް ނުލިބި، ދިރިއުޅުމަށް ދަތިވާ ހިސާބަށް ކަންކަން ގޮސްފިނަމަ، ލަސްނުކޮށް ޕްރޮފެޝަނަލް ނަފްސާނީ ޑޮކްޓަރެއްގެ ނުވަތަ ކައުންސިލަރެއްގެ އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. މިއީ ލަދުވެތިވާންޖެހޭ ކަމެއް ނޫން ކަމަށާއި، އެކަށީގެންވާ ފަރުވާއާއެކު އުފާވެރި، ހަމަޖެހޭ ދިރިއުޅުމެއް އުޅެވިދާނެ ކަމަށް މާހިރުން ވިދާޅުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް