ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓު
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓު
ދ. އަތޮޅުގައި އޮންނަ ކަނޑިންމަ ރިސޯޓުން 17 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ކަނޑިންމަ ރިސޯޓުން ނެގި 20 ސާމްޕަލްގެ ތެރެއިން 17 ސާމްޕަލް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރެއިން ހައި ރިސްކް މީހުން ފެސިލިޓީއަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޗްއީއޯސީން ހާމަކުރެއެވެ.

މީގެއިތުރުން ކޮންޓެކްޓް ޓްރޭސިން އާއި އިތުރު ސުންކު ނެގުމުގައި ދ. އަތޮޅު ހޮސްޕިޓަލްގެ ޓީމެއް އެ ރިސޯޓުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެޗްއީއޯސީން މައުލޫމާތުދެއެވެ. އެ ރިސޯޓުން ގިނަ ބަޔަކު ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހަވީރުން ފެށިގެން ރިސޯޓަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެޗްއީއޯސީން ބުނީ އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރެއިން ފުރަން ތިބި ފަތުރުވެރިންނަށް ފުރައިގެން ދެވޭނީ ކޮންޓެކްޓެއް ނުވާ ނަމަ، ޕީސީއާރު ޓެސްޓް ހެދުމަށް ފަހު ނަތީޖާ ކޮވިޑް-19 އަށް ނެގެޓިވްވުމުން ކަމަށެވެ. ކަނޑިންމަ ރިސޯޓުން ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވި އިރު އެ ރިސޯޓުން ހާލު ދެރަވެގެން އިއްޔެ ދ.ކުޑަހުވަދޫ އަށް ގެންދިޔަ މީހާގެ ސާމްޕަލް ބައްޔަށް ޕޮޒިޓިވް ވި ކަން އެނގުނީ އޭނާ ނިޔާވެގެން ވަޅުލިފަހުންނެވެ.

ރާއްޖޭގައި ނިޔާވި ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެމީހުން ނިޔާވާން މެދުވެރިވި ސަބަބަކީ ކޮވިޑް-19 ނޫން ކަމަށް އެޗްޕީއޭ އިން މީގެ ކުރިން ވަނީ ކަނޑައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން