ރައީސް ނަޝީދު
ރައީސް ނަޝީދު
އަންނަ މަހުގެ 1 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމަންޓް ފޯރަމްގައި، ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ 100 ވިޔަފާރި ޕްރޮޖެކްޓެއް އިންވެސްޓަރުންނަށް ހުޅުވާލުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރެއްވީ އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުން ކައުންސިލްތަކާއެކު ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ވިޔަފާރީގެ 100 ފުރުސަތު ދެނެގަނެވިފައިވާ ކަމަށެވެ.

މި ޕްރޮޖެކްޓްތަކަކީ ރަށްރަށުގެ ރައްޔިތުންނަށާއި ކައުންސިލްތަކަށް ސީދާ އާމްދަނީ ލިބޭނެ ފަދަ އިންވެސްޓްމަންޓްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ފޯރަމްގެ މައިގަނޑު މަގުސަދަކީ ކައުންސިލްތަކުން ހުށަހަޅާފައިވާ ވިޔަފާރި ފުރުސަތުތަކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް ކައުންސިލްތަކާއެކު ސީދާ މަސައްކަތްކުރެވޭނެ މަގު ފަހިކޮށްދިނުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ރަށްރަށުގެ އާންމު އިގްތިސާދީ ހާލަތު ރަނގަޅުވެ، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު