އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އިލެކްޝަން ކޮމިޝަންގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ކޮވިޑް-19 އާ ގުޅިގެން ފަސްކުރި ލޯކަލް ކައުންސިލް ތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ތައްޔާރީތައްވަމުން އަންނަ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއި އެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް ތަކުގެ އިންތިހާބާ އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ތަކުގެ އިންތިހާބު މި އަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށް ހަމަޖެއްސި ނަމަވެސް ކޮވިޑް-19 ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ހާއްސަ ބިލެއް ފާސްކޮށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ވަނީ ފަސްކޮށްފައެވެ.

ރާއްޖެޓީވީގައި މިރޭ ވާހަކަ ދައްކަވަމުން އީސީގެ މެމްބަރު ފުވާދު ތައުފީގް ވިދާޅުވީ، އީސީން އަމާޒު ހިފާފައިވަނީ ކޮވިޑް-19 ގެ ހާލަތާއިއެކުވެސް އަންނަ އަހަރުގެ މާޗް މަހު އިންތިހާބު ބާއްވަން ކަމަށެވެ. އިންތިހާބު ބާއްވާނެ ވަކި ދުވަހެއް ފުވާދު ހާމައެއް ނުކުރައްވައެވެ. ކޮވިޑާއި ގުޅިގެން ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ލުމަށް ބަހައްޓާ ވޯޓް ފޮށީގެ އަދަދު އިތުރުވެދާނެ ކަމަށް ފުވާދު ވިދާޅުވިއެވެ.

"ސުކޫލު ތަކަކީ ވޯޓް ފޮށިތައް ބަހައްޓާ ތަންތަނަށްވުމުން އިންތިޚާބު ބާއްވާއިރު ސުކޫލު ޗުއްޓީ ދުވަސްވަރަށް ވެސް ބަލަން އެބަޖެހޭ. އަޅުގަނޑުމެން ވިސްނާފައިވަނީ ބޮޑެތި ދަނޑުތައް މިސާލަކަށް ގަލޮޅު ދަނޑާއި ހެންވޭރު ދަނޑުކަހަލަ ބޭނުންކުރަންޖެހިދާނެ އަދި ހުސް ބޮޑެތި ތަންތަނުގައި ޓެންޓް ޖަހައިގެން ވޯޓް ފޮށިތަކެއް ބަހައްޓާގޮތަށް، ކޮވިޑާއި ގުޅިގެން ގިނަ ވޯޓް ފޮށިތަކެއް ބަހައްޓަން ޖެހިދާނެ." ފުވާދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ މާޗް މަހު އިންތިހާބު ބޭއްވޭނެ ކަމުގެ 99 އިންސައްތަ ޔަގީންކަން ފުވާދު ވަނީ ދެއްވާފައެވެ. އަދި އެކަމަށް ތައްޔާރުވުމުގެ ގޮތުން އިދާރީ ގޮތުން ކުރަން ޖެހޭ ކަންތައްތައް ކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، ކުރިން ބާއްވާ އިންތިހާބުތަކާއި ހިލާފަށް ކޮވިޑް-19 އާ ގުޅިގެން މިފަހަރު ބަދަލުތަކެެއް އަންނާނެ ކަމަށާއި، އެގޮތުން ރައްކާތެރިކަމުގެ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އާދިއްތަ ދުވަހުން ފެށިގެން ކެމްޕޭނު ކުރަން ބޭނުންވާ ފަރާތްތަކަށް އެޗްޕީއޭގެ ގައިޑްލައިންއާ އެކު ކެމްޕޭނު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބޭއްވެންދެން މިހާރު ތިބި ކައުންސިލަރުންގެ ދައުރުވަނީ ދަންމާލާފައެވެ. ކައުންސިލް އިންތިހާބަށް ވާދަކުރާ ކެނޑިޑޭޓުންގެ ތެރެއިން 40 ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން