ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
މިވަގުތު ދިވެހިރާއްޖޭގައި ހިމަބިހި (މީސަލްސް) ޖެހިފައިވާ އެއްވެސް މީހަކު ނެތް ކަމަށާއި، ބަލީގެ ހާލަތު މިހާރު މުޅިން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ގީލާ ޢަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު ގީލާ ފާހަގަކުރެއްވި ގޮތުގައި، ހިމަބިއްސަކީ މީގެ ކުރިން ރާއްޖެއިން ކާމިޔާބުކަމާއެކު ނައްތާލެވިފައިވާ ބައްޔެއް ނަމަވެސް، ރާއްޖެއިން ބޭރަށް ކުރެވޭ ދަތުރުފަތުރުގެ ތެރެއިން ދޭތެރެދޭތެރެއިން މި ބަލީގެ ކޭސްތައް ފެންނަމުންދެއެވެ.

އެގޮތުން މިއަހަރުގެ މެއި މަހުން ފެށިގެން މިހާތަނަށް 282 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓުކޮށްފައިވީ ނަމަވެސް، މިހާރު ބަލިޖެހިފައިވާ އެއްވެސް މީހަކު ސޮސައިޓީގެ ތެރޭގައި ނެތް ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ބަލި ފެތުރުން ހުއްޓުވުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ ވެކްސިން ދިނުމުގެ ހާއްސަ ޕްރޮގްރާމްކަން ފާހަގަކުރައްވަމުން، މިފަހަރު ކުރިއަށްގެންދިޔަ ކެމްޕޭނުގެ ދަށުން 16،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އިރުޝާދުތަކާ އެއްގޮތަށް އަބަދުވެސް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރަސްމީކޮށް ކަނޑައަޅާފައިވާއިރު، ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުން އެންމެ ފުރަތަމަ މި ބަލި ނައްތާލި ދެ ގައުމުގެ ތެރެއިން އެއް ގައުމެވެ.

ރާއްޖޭގައި ގައުމީ ފެންވަރުގައި ކުޑަކުދިންނަށް ހިމަބިހީގެ ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް