ހެލްތު މިނިސްޓްރީން ވެންޓިލޭޓަރު ގަތުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކުރެވޭނެ ހެއްކެއް ނެތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމާފައިވާ ނިންމުން މުރާޖަޢާކޮށްދިނުމަށްއެދި ޕީޖީއަށް ލަފާއެރުވުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ވެންޓިލޭޓަރު މައްސަލަ އަލުން ރިވިއުކުރުމަށް ޖުޑީޝަރީ ކޮމިޓީން ނިންމާ، އެކަމާ ގުޅޭ ކޮމިޓީ ރިޕޯޓް މަޖިލީހުން ފާސްކޮށްފައިވަނީ 50 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.

ކޮމިޓީން އެކުލަވާލި މި ރިޕޯޓަކީ ކޯވިޑްއާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭތީ، އެމައްސަލައިގައި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރައި ހޯދައިދެވެންދެން އެމައްސަލަ މަޖިލީހުން ބެލުމަށް މަޖިލީހުގެ ރައީސް ނިންމެވުމާ ގުޅިގެން ތައްޔާރުކުރި ރިޕޯޓެކެވެ.

ކޮމިޓީ ރިޕޯޓްގައި ތިން ހުށަހެޅުމެއް ވަނީ ހިމަނާފައެވެ. ފުރަތަމަ ކަމާގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި މިމައްސަލައާ ގުޅުންހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ލަފާ އެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ އެ މައުލޫމާތުތައް ހޯދުމަށްފަހު ދައުވާ ކުރުމުގެ ކުރިން ޕީޖީން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާމެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. އަދި 3 ވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާ ކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުން ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ އަލުން ރިވިއުކުރުމަށް މަޖިލީހުން ފާސްކޮށްފައި މިވަނީ އޭސީސީން އެމައްސަލަ ތަޙްޤީގުކޮށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން އެމައްސަލައިގައި ދައުވާނުކުރުމަށް ޕީޖީ ނިންމާފައި ވަނިކޮށެވެ. އޭރު ޕީޖީ ވިދާޅުވީ މިމައްސަލައިގައި ދައުވާކުރުމަށް އެކަށީގެންވާ ހެކި ނެތްކަމަށެވެ. މިމައްސަލަ ބޮޑުވެގެން ގޮސް ހެލްތު މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވި އަބްދުﷲ އަމީންވެސް ވަނީ އިސްތިއުފާދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން