ބީއެމްއެލްގެ އޭޓީއެމް އަކުން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ: އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފަ
ބީއެމްއެލްގެ އޭޓީއެމް އަކުން ކަސްޓަމަރަކު ޚިދުމަތް ހޯދަނީ: އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގައި ކާޑު ބޭނުން ނުކުރެވޭ ގޮތް ވަނީ ހަދާފަ
އޮންލައިން ޓްރޭޑިން މުއާމަލާތްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑުތައް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފިއެވެ.

ބީއެމްއެލް އިން މިރޭ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާނޫނާއި ގަވާއިދުތަކާ ހިލާފު މާލީ މުއާމަލާތްތަކުގައި އެ ބޭންކުން ދޫކޮށްފައިވާ ކާޑުތައް ބޭނުން ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތައް އިތުރުކުރުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. އެގޮތުން ޑިޖިޓަލް ވޮލެޓްތައް ބޭނުންކޮށްގެން ޖުވާ ކުޅުމަށް ބޭނުންކުރާ ސައިޓްތަކަށް މީހުން ވަދެ މުއާމަލާތް ކޮށްފައިވާ މިންވަރު ފާއިތުވި މަސްތަކުގައި ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށާއި، އެހެންކަމުން އޮންލައިން ޓްރޭޑިން ސައިޓްތައް ވެސް ބްލޮކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެބަޔާނުގައިވެއެވެ.

ޑޮލަރު ލިބެން ހުރި މިންވަރު ނުހަނު ބޮޑަށް ދަށްވެފައިވާ ހާލަތެއްގައި މިފަދަ އޮންލައިން ޓްރޭޑިން ޕްލެޓްފޯމުތައް މެދުވެރިކޮށް ކޮންމެހެން ރާއްޖޭން ބޭރަށް ދާން ނުޖެހޭ ފައިސާ ބޭރުވަމުން އަންނަ ކަން ވެސް ބޭންކުގެ އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ އުނދަގޫ އަދި ދަތި ހާލަތެއްގައި ދިވެހި ރާއްޖޭގެ އިގްތިސާދަށް އެހީތެރިވުމުގެ ގޮތުން އަސާސީ ބޭނުމަށް މުދާ އެތެރެކުރުމަށް ޑޮލަރު ބެހެއްޓުމާއި ކޮންމެހެން ބޭނުންތެރި ނޫން ބޭރުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުވުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ރާއްޖެ އިން ބޭރުގެ މުއާމަލާތްތައް ބޭންކުން މޮނިޓާ ކުރަމުންދާނެ ކަމަށާއި އަދި ބޭންކަށް ފެނިއްޖެ ހާލަތެއްގައި އެފަދަ މުއާމަލާތްތައް އެއްވެސް އިތުރު އެންގުމަކާ ނުލައި ބްލޮކް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމަށް ބީއެމްއެލް އިން ބުނެފައި ވެއެވެ. ބީއެމްއެލްގެ އެ ނިންމުމާ ބެހޭ މައުލޫމާތު އެމްއެމްއޭ އާއި އަދި ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި ހިއްސާ ކޮށްފައިވާ ކަމަށްވެސް އެ ބޭންކުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން