ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ބައެއް އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެތީ އެކަމާ ދެކޮޅަށް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ތެދުވެެއްޖެއެވެ.

ރާއްޖޭގެ ހުރިހާ ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކުން ގުޅިގެން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހަސަންގެ ބައެއް އިސްލާހުތަކަކީ އޮލިންޕިކް ކޮމެޓީގެ އޮލިންޕިކް ޗާޓަރުގެ 27.5 އަދި 27.6 ވަނަ މާއްދާއާ ހިލާފް އިސްލާހުތަކެއް ކަމަށެވެ. އަދި މިފަދަ އިސްލާހުތަކެއް ގެނައުން ވެގެންދާނީ އޮލިންޕިކް މޫވްމަންޓުން ރާއްޖެ ސަސްޕެންޑް ވުން ކަމަށް ބަޔާނުގައިވެއެެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ދުނިޔޭގެ ކުޅިވަރުގެ ތާރީހުގައި މިޒާތުގެ މައްސަލަތަކުގެ ސަބަބުން އެތައް ގައުމެއް ސަސްޕެންޑް ވެފައިވާކަން ފެންނަން އޮތްއިރު މިކަހަލަ ކަމެއްގެ ސަބަބުން ދިވެހިރާއްޖެ ސަސްޕެންޑްވުމަކީ ދިވެހިރާއްޖޭގެ ކުޅިވަރު އާއިލާއާއި ކުޅިވަރަށް ލޯބިކުރާ އެއްވެސް ރައްޔިތަކު އެދޭނެ ކަަމެއް ނޫން ކަމަށެވެ. އެސޯސިއޭޝަންތަކުން ނެރުނު ބަޔާން މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ ރީޓުވީޓް ކުރައްވައި އެކަމަށް ތާއިދު އޮތްކަން ހާމަކުރައްވާފައެވެ. މިނިސްޓަރު ވަނީ "ކުޅިވަރު ސިޔާސީ" ނުކުރައްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދުވެސް ތަކުރާރު ކުރައްވާފައެވެ.

ހަސަން ލަތީފް ހުށައެޅުއްވި އިސްލާހުތަކަށް އިޝާރާތް ކުރައްވާ މަހުލޫފް މީގެ ކުރިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ މެނިފެސްޓޯއާ އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް ކުރިއަށްދާ ކަމަށެވެ. އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ހިނގަނީ ޑިމޮކްރެޓިކްކޮށް ރާއްޖޭގެ ގާނޫނުތަކާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ގަވާއިދުތަކާ ވެސް އެއްގޮތަށް ކަމަށް މިނިސްޓަރު ވަނީ ފާހަގަަކުރައްވާފައެވެ. ނަމަވެސް ހަސަން ލަތީފްގެ އިސްލާހުތަކުގައި އެ އުސޫލުތަކާއި ފުށުއަރާ ކަންތައްތަކެއް އެބަހުރި ކަމަށް އިޝާރާތް ކުރައްވާ އެފަދަ އިސްލާހުތަކުގެ ސަބަބުން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހަސަން ލަތީފްގެ އިސްލާހުތަކާއި ގުޅިގެން މިނިސްޓަރު މަހުލޫފް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު އެ އިސްލާހުތަކަށް ތާއީދު ކުރައްވާ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކުޅިވަރު މުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެ ފުށް ފެންނަ ގޮތަށް ހިންގުމަކީ އެމްޑީޕީގެ ވިސްނުން ކަމަށެވެ. ކުޅިވަރާއި ކުޅިވަރު ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއްވެސް ވަރަށް ބޭނުންތެރި ކަމެެއް ކަމަށާއި،ހަސަން ލަތީފުގެ ބިލުން އެކަންކަން ހާސިލްވާނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން