ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއްނެތި، ލޯބިވުމުގެ މުހިންމު ކަން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހަންމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ނަސްރުގެ ދުވަހުގެ މުނާސަބާތާއި ގުޅިގެން ދެއްވި ޚިތާބެއްގައެވެ. ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވިދާޅުވީ މީގެ 32 އަހަރު ކުރިން، ދިވެހިންގެ ވަރަށް މަދު ބަޔަކާ ގުޅިގެން، ބޭރުގެ ހަނގުރާމަވެރި ޖަމާޢަތެއްގެ ބަޔަކު، ދިވެހިރާއްޖޭގެ ވެރިރަށް މާލެއަށް އަރައި ހިންގި ޢުދުވާނަކީ، ދިވެހި ތާރީޚު ދުށް ވަރަށް އަނިޔާވެރި ޢަމަލުތަކެއް ކަމަށެވެ. ކުށެއް ނެތް 19 ދިވެހި ދަރިއެއްގެ ލޭ މިބިމަށް އޮހޮރުވައި، ދިވެހިންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އިންތިހާއަށް އުފެއްދި ލާއިންސާނީ ޢަމަލުތަކެއް ކަން ރައީސްގެ ޚިތާބުގައި ފާހަގަކުރައްވާފައިވެއެވެ.

"އެދުވަހު، ދިވެހިންގެ ލޯތައް ފުރިގެންދިޔައީ، ހިތާމަޔާއި މޮޅިވެރިކަމުގެ ކަރުނައިންނެވެ. ނަމަވެސް އެ ހިތާމަވެރި ދުވަހުގެ އިރު އޮއްސިގެން ދިޔައީ، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މަދަދާއެކު، ދިވެހިންނަށް ދެއްވި ނަޞްރާއި ކާމިޔާބީގެ ފިނިކަމާއި ތަސައްލީންނެވެ" ރައީސްގެ ޚިތާބުގައިވެއެވެ.

ރައީސް އިބްރާހިމް ވިދާޅުވީ މިއަދު، އަޅުގަނޑުމެން އެދުވަހުގެ ހަނދާންތައް އައުކުރަނީ، އެދުވަހާ ގުޅިފައިވާ ބަޠަލުންގެ މަތިވެރި ޤައުމީ ޖިހާދުން ހިތްވަރު ލިބިގަނެ އެހާދިސާއިން ޢިބްރަތް ޙާޞިލުކުރަމުން ކަމަށެވެ. ނަޞްރުގެ ދުވަހު ދިވެހިން ލިބިގަތް އެންމެ ބޮޑު އެއް ފިލާވަޅަކީ، ތިމާގެ އުފަން ފަސްގަނޑު ދެކެ، އެއްވެސް ޝަރުޠެއްނެތި، ލޯބިވުމުގެ މުހިންމު ކަން ކަމަށް ރައީސް ވިދާޅުވިއެވެ. އިސްލާމް ދީނާއި ދިވެހި ޤައުމުގެ ދިފާޢުގައި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި، ސިފައިންގެ ބޭކަލުންނާއި ޢާންމު ރައްޔިތުންގެ ޤުރުބާނީން ދޭހަވަނީ، ދިވެހި ދަރިންގެ ހިތްތަކުގައި، ޤައުމާ މެދު އޮންނަ ޚާލިޞް ލޯބީގެ ބާރުގަދަކަމާއި މަތިވެރިކަން ކަމަށް ރައީސް ވިދާޅުވިއެވެ.

"އެ ލޯތްބާއި ޤަދަރުގެ އަސަރު ޒަމާންތަކަށް ދެމިގެންދެއެވެ. ޖީލުން ޖީލަށް އެ ލޯބި ވާޞިލުވެއެވެ." ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދިވެހި ޤައުމުގެ ދިފާޢީ އައްޑަނަ ކަމަށްވާ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަކީ، އޭރުވެސް އަދި މިހާރުވެސް، ޤައުމަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލައި، އެ ނުރައްކާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން ސަލާމަތްކުރުމުގައި ނަމޫނާ ލަޝްކަރެއް ކަމަށެވެ.

"ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާއިން، ދިވެހި ޤައުމު ޙިމާޔަތްކުރުމުގައި، ދިވެހި ސިފައިން ދެއްކި ހިތްވަރާއި ހުޝިޔާރުކަމުގެ ލާމަސީލު ނަމޫނާ، ދުވަހަކުވެސް އަޅުގަނޑުމެންގެ ހަނދާނުން ފުހެވިގެން ނުދާނެއެވެ. އަދި އެނުރައްކާތެރި ވަގުތުގައި، ދިވެހި ރައްޔިތުން އިސްކުރި، އެކުވެރިކަމާއި އެއްބައިވަންތަކަމަކީ، ދިވެހިންގެ ހިތްތަކުގައި ތާޒާކަމާއެކު އާވެ އާލާވަމުން އަންނަ، ޤައުމީ ލޯބީގެ ވަރަށް މަތިވެރި ނަމޫނާއެކެވެ." ރައީސްގެ ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ރައީސް ވަނީ ދިވެހިރާއްޖޭގެ އޭރުގެ ސަރުކާރުގެ އެދިވަޑައިގަތުމަށް، އަވައްޓެރި އިންޑިޔާ ސަރުކާރުން، ޢަސްކަރީ ގޮތުން ވެދެއްވި އެހީތެރިކަމަށްޓަކައި، އެ ޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޝުކުރު އަދާކުރައްވާފައެވެ.

ނޮވެމްބަރު، 3 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި ބާޣީންގެ ރަހުމެއް ކުލެނެެއް އިންސާނިޔައްޔަތު ކަމެއް ނެތް ލާ އިންސާނީ އަމަލުތަކުގެ ސަބަބުން 19 ދިވެހިން ވަނީ ޝަހީދު ވެފައެވެ. އެހަމަލާ ރޭވުމުގައި އިސްކޮށް ތިބީ ހ. ހާޖަރާގެ އަބުދު ﷲ ލުތުފީ އާއި ސަގަރު ނާސިރެވެ.

ލުތުފީގެ އިތުރުން އިތުރު ބައެއް ދިވެހިން މެރުމަށް އޭރުގެ ހައި ކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެކަމަކު އޭރުގެ ރައީސް މަައުމޫން އަބްދުލްގައްޔޫމް ވަނީ އެ އެންމެންގެ މަރުގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކޮށް ދެއްވައިފަ އެވެ.

ލުތުފީ 2010 ވަނަ އަހަރު ބޭސްފަރުވާއަށް ލަންކާއަށް ފޮނުވުމުން އޭނާ އޭރު ރާއްޖެ އެނބުރި އައިސްފައެއް ނުވެ އެވެ. ސްރީލަންކާގައި ފިލައިގެން އުޅޭތާ ގިނަ ދުވަސްތަކެއް ފަހުން ދާދިފަހުން ލުތުފީ އަތުލައިގަނެ މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އެހަމަލާގައި ބައިވެރިވި ސަގަރު ނާސިރުގެ މައްޗަށް އިއްވި 25 އަހަރުގެ ހުކުމުން އޭނާ މިހާރު ވަނީ މިނިވަންވެފައެވެ.

ނޮވެންބަރު 3 ގެ އުދުވާނަކީ ދިވެހިންގެ ބަޔަކު އިސްވެ ތިބެ ތަމަޅަ ޓައިގަރުންގެ ބަޔަކު ގޮވައިގެން އައިސް ހަތިޔާރާއެކު މާލެއަރާ ހިންގި އުދުވާނެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން