ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް
ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރުމުގެ ވާހަކަ މާނަ ކުރަން ޖެހެނީ އިހްތިިޔާރީ ބާރެއްގެ ގޮތުގައި ކަމަށާއި ގާނޫނުގެ މަގްސަދު ހާސިލްވާނީ އޭރުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. އޮތްގޮތުން ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި ހުރެފައި އަދި ގާނޫނު އަސާސީގެ 46 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުން ކުރެ ހާލަތެއް އޮތް ނަމަ އެ މީހަކު ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާނެ ކަމަށް ހައިކޯޓުން ވަނީ ހުކުމްކޮށްފައެވެ. އެކަމަކު ތުހުމަތެއް ކުރެވޭ މިންވަރު ހެކި ނެތަސް، ބަންދުކުރާ ފަހުން އެ މިންވަރަށް ހެކި ލިބިއްޖެ ނަމަ 60 ވަނަ މާއްދާގެ ކ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަކީ އިހްތިޔާރީ ކަމެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ. އަދި 60 ވަނަ މާއްދާގެ ބ. ގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ނުވާ ނަމަ، 15 ދުވަހަށް ވުރެ އިތުރަށް މީހުން ބަންދުގައި ނުބޭތިއްބޭނެ ކަމަށް ހައި ކޯޓުން ވަނީ ކަނޑައަޅާފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ސްޕްރީމް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވަނީ ހައި ކޯޓުގެ ނިންމުން އޮތްގޮތުން ކިތަންމެ ކުޑަ ކުށެއްގައި ވިޔަސް، 60 ވަނަ މާއްދާގެ ށ. ގެ ދަށުން ޝަރީއަތް ނިމެންދެން ބަންދު ކުރަން ފަނޑިޔާރުންނަށް ލާޒިމްވާ ކަން ފާހަަގަކުރައްވާފައެވެ. އޭރުން ހުކުމުގެ މުއްދަތަށް ވުރެ އިތުރަށް މީހުން ބަންދުގައި ތިބެން ޖެހުމުގެ އިތުރަށް ނިޒާމް ނުއުފުލޭނެ ބުރައެއް ކުރިމަތިވެ، އޭގެ ސަބަބުން ހެއްވާ ނަތީޖާތަކެއް ނިކުމެދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ ޝަރީއަތް ނިމެންދެން ބަންދުކުރާ މީހުން ބައިތިއްބާނެ ރިމާންޑް ޖަލުތައް ހުރީ މާލޭގައި އެކަނި ކަމަށް ވާތީ ރަށްރަށުގެ ކޯޓުތަކުގައި ހިނގާ މައްސަލަތަކުގައި މާލެއިން އެ މީހުން ރަށްރަށަށް ގެންދެވެން ނެތި ޝަރީއަތްތައް ކުރިއަށް ނުގެންދެވުން ފަދަ އިތުރު މައްސަލަތަކެއް ވެސް އޭގެ ސަބަބުން ނިކުމެދާނެ ކަމަށެވެ. އަދި މިހާރު ގާނޫނު އޮތްގޮތުން ކުށަށް އިއުތިރާފްވާ މީހުންގެ މައްސަލަތައް ހިންގަން ޖެހެނީ ސީދާ ކޯޓަށް ހާޒިރު ކޮށްގެން ކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ށ. ގައި ބަޔާންކުރާ ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރު ނެރުމުގެ ވާހަކަ މާނަ ކުރަން ޖެހެނީ އިހްތިިޔާރީ ބާރެއްގެ ގޮތުގައި ކަމަށާއި ގާނޫނުގެ މަގްސަދު ހާސިލްވާނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ގާނޫނެއްގައި ބަޔާންކުރާ ކޮންމެ އަމުރަކީ ވާޖިބު އަމުރަކަށް ނުވެދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ. ޕީޖީ ޝަމީމް ވިދާޅުވީ ގާނޫނު ލާޒިމްކުރާ ބައެއް ކަންކަން އިހްތިޔާރީ ކަމެއްގެ ގޮތުގައި މާނަ ކުރެވިދާނެ ކަމަށާއި ކޯޓުން އެކަމަށް ހައްލެއް ގެނެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މީގެކުރިން އެތައް ފަހަރެއްގެ މަތިން ޖިނާއީ އިޖްރައާތުގެ ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ހޯދަން ޖެހޭނީ މަޖިިލީހުން ނޫންތޯ ބެންޗުން ވަނީ ޕީޖީ އާއި ސުވާލު ކުރައްވާފައެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އެ ދެ އިސްލާހަކީ ތަންކޮޅެއް ކުރިން މަޖިލީހަށް ހުށަހެޅި އިސްލާހުތަކެއް ކަމަށެވެ. އަދި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ މައްސަލާގައި އިސްލާހު ހުށަހަޅައި، ފާސްކުރަން ވަގުތުތަކެއް ނަގާނެ ކަމަށް ޕީޖީ ވަނީ ފާހަގަކުރައްވާފައެވެ. އެމައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ނިންމާލައިފައިވާ ކަން ވަނީ އިއުލާންކޮށްފައެވެ.

އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ. އެމައްސަލަ ބައްލަވާ ބެންޗުގައި ހިމެނެނީފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން