ސަރުކާރު ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގޭ ސަރަހައްދު: މުސާރަ ދިނުމަށް 8 ބިލިއަން ވަނީ ޚަރަދުކޮށްފައި
ސަރުކާރު ގިނަ އޮފީސްތައް ހިންގަމުން އަންނަ ވެލާނާގޭ ސަރަހައްދު: މުސާރަ ދިނުމަށް 8 ބިލިއަން ވަނީ ޚަރަދުކޮށްފައި
މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 11.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު މުސާރައާއި އިނާޔަތްތަކަށް 8.1 ބިލިއަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުގައި މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 11.3 ބިލިއަން ރުފިޔާއެވެ. އެ މުއްދަތާއި ހަމައަށް ދައުލަތުގެ ހަރަދުތައް ހުރީ 21.7 ބިލިއަން ރުފިޔާގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ތަފާސް ހިސާބުތަކުން ހާމަވާގޮތުން ދައުލަތަށް ލިބުނު އާމްދަނީގެ 77 ޕަސެންޓަކީ ޓެކުހުން ލިބުނު އާމްދަނީ އެވެ. 23 ޕަސެންޓަކީ ޓެކްސް ނޫންގޮތް ގޮތަށް ލިބުނު އާމްދަނީއެވެ. ޓެކްސް އާމްދަނީގެ ގޮތުގައި އެ މުއްދަތާއި ހަމައަށް 8.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެ އެވެެ.

އެންމެ ބޮޑު އާމްދަނީއެއް ޖީއެސްޓީ އިން ލިބުނުއިރު ޖީއެސްޓީން އާމްދަނީގެ ގޮތުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެ މުއްދަތާއި ހަމައަށް ދައުލަތަށް 2.1 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ފީ އާއި އެހެނިހެން ޗާޖުތަކުންނެވެ. އެގޮތުން ފީ އާއި އެހެނިހެން ޗާޖްތަކުން ދައުލަތަށް 740 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ފިނޭންސް މިނިސްޓްރީ އިން ހާމަކުރިގޮތުގައި މި އަހަރުގެ ފާއިތުވި 43 ހަފްތާގެ ނިޔަލަށް ޖޫރިމަނާގެ ގޮތުގައި 110 މިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފަ އެވެ.ދައުލަތުގެ ހަރަދަށް ބަލާއިރު އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ މުސާރަ އާއި އިނާޔަތްތަކަށް ކަން ފާހަަގަކޮށްލެވެއެވެ. މުސާރަ އާއި އިނާޔަތްތަކަށް 8.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީ ނިޒާމު ތަޢާރަފުކޮށް ޕާޓީތަކުން ވެރިކަން ކުރާން ފެށި ފަހުން ވެރިކަމަށް އައި ސަރުކާރު ތަކުގެ ސިޔާސީ މަގާމުތައް އިންތިހާއަށް އިތުރުވެ ކުންފުނިތަކާއި ކޮމިޝަންތަކާއި އެޖެންސީ ތަކާއި ވުޒާރާތައް އިތުރުވެ، ރިޔާސީ ވަޢުދު ތަކުގެ ގޮތުގައި ބޮޑެތި ހޭދަތައް ހިނގާ މަޝްރޫޢުތަކާއި ހިލޭ އެހީތައް އިތުރުވުމުގެ ސަބަބުން ގައުމަށް ލިބޭ އާމްދަނީ ކިތައްމެ ވަރަކަށް އިތުރުވަމުން ދިޔަ ނަމަވެސް ކޮންމެ އަހަރެއްގެ ބަޖެޓް ދަރަނިވެ އަހަރުން އަހަރަށް ދައުލަތުގެ ޚަރަދުތައް އިންތިހާއަށް އިތުރުވަމުން ދިއުމުގެ ނަތީޖާއަކަށް ވެފައިވަނީ ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި އިންތިހާއަށް ގައުމުގެ ދަރަނި ބޮޑުވަމުން ދިއުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން