2016 ވަނަ އަހަރު އިލެކްޓޯރަލް ކޮލެޖުގެ ވޯޓުލާ އިލެކްޓަރސް ވޯޓު ލަނީ
2016 ވަނަ އަހަރު އިލެކްޓޯރަލް ކޮލެޖުގެ ވޯޓުލާ އިލެކްޓަރސް ވޯޓު ލަނީ
އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ވަނީ އެމެރިކާގެ ރިޔާސީ އިންތިޚާބަށް ހުއްޓިފައެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުގެ ވެރިޔަކަށް ދެން އަންނަނީ ކޮންބޭފުޅެއްތޯ ބެލުމުގެ ޝައުޤުވެރިކަމުގައެވެ. ނަމަވެސް އެމެރިކާގެ ވެރިކަމަށް ބޭފުޅަކު އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބަކީ އެހެން ޤައުމުތަކުގެ ރިޔާސީ އިންތިޚާބުތަކާ ވަރަށް ބޮޑަށް ތަފާތު އިންތިޚާބެކެވެ.



އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނަ ގޮތުން އެންމެ ގިނަ ވޯޓު ލިބޭ ބޭފުޅަކަށް ރައީސްކަން އަދި ނުލިބިދާނެއެވެ. އެމެރިކާގައި އޮންނަ ނިޒާމުގެ ގޮތުން "އިލެކްޓޯރަލް ކޮލެޖު"ގެ ވޯޓުތައް މުހިއްމެވެ. އާއްމުންގެ މެދުގައި ނަގާ ވޯޓުން އަޣްލަބިއްޔަތު ނުލިބުނަސް، އިލެކްޓޯރަލް ވޯޓުން ކުރި ލިބިއްޖެނަމަ އެމީހަކަށް އެމެރިކާގެ ވެރިކަން ލިބޭނެއެވެ.

އިލެކްޓޯރަކް ކޮލެޖަކީ، ކިޔަވައިދޭ ކޮލެޖް ނުވަތަ ޔުނިވަރސިޓީއެއް ނޫނެވެ. އެއީ އެމެރިކާގެ ސްޓޭޓްތަކުން އިލެކްޓޯރަލް ވޯޓް ދިނުމަށް ހޮވާފައިވާ މަންދޫބުންތަކެކެވެ. މިމީހުންނަކީ އިންތިޚާބުގެ އެއް ދުވަސްކުރިން އައްޔަންކުރާ ބައެކެވެ. އެމީހުންގެ ޖުމްލަ އަދަދަކީ 538 މެމްބަރުންނެވެ. ނުވަތަ 538 އިލެކްޓޯރަލް ވޯޓެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވޭނީ 538 އިލެކްޓޯރަލް ވޯޓުގެ ދެބައިކުޅަ އެއްބައިކަމަށްވާ 270 ވޯޓު ލިބިގެންނެވެ.

ކޮންމެ ސްޓޭޓަކުންވެސް އިލެކްޓޯރަލް ވޯޓުދޭއިރު، އިލެކްޓޯރަލް ވޯޓް ދޭ އިލެކްޓަރސް އައްޔަންކުރާނީ ސިޔާސީ ޕާޓީތަކުންނެވެ. އަދި ކޮންމެ ސްޓޭޓެއްގެ އިލެކްޓޯރަލް ވޯޓުގެ އަދަދަކީ އެ ސްޓޭޓެއްގެ އާބާދީގެ ނިސްބަތުން ކަނޑައެޅޭ އަދަދެކެވެ. މިގޮތުން އެންމެ ގިނަ އިލެކްޓަރސް ތިބެނީ އެމެރިކާގެ އެންމެ ބޮޑު ސްޓޭޓް ކެލިފޯރނިއާގައެވެ. އެއީ 55 އިލެކްޓޯރަލް ވޯޓެވެ. އެއަށްފަހު އެންމެ ގިނަ އިލެކްޓޯރަލް ވޯޓު ލަނީ ޓެކްސަސް، ނިއުޔޯރކް، ފްލޮރިޑާ، އިލިނޮއިސް އަދި ޕެންސިލްވީނިންނެވެ. އެންމެމަދުން އިލެކްޓޯރަލް ވޯޓުލާ ސްޓޭޓްތަކަކީ .އެލަސްކާ، މޮންޓާނާ، ނޯރތް ޑަކޯޓާ، ސައުތު ޑޮކާޓޯއެވެ. އެއީ 3 އިލެކްޓޯރަލް ވޯޓެވެ.

އެމެރިކާގެ އެކި ސްޓޭޓްތަކުގައި އިލެކްޓޯރަލް ވޯޓު ދޭނީ އެކި ގޮތަށެވެ. ބައެއް ސްޓޭޓްތަކުގައި އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް އެ ސްޓޭޓްގެ ހުރިހާ އިލެކްޓޯރަލް ވޯޓެއް ލިބެއެވެ. އަނެއްބައި ސްޓޭޓްތަކުގައި އިލެކްޓޯރަލް ވޯޓު ދޭނީ ކެންޑިޑޭޓުންނަށް ވޯޓު ލިބުނު ނިސްބަތުންނެވެ. އަދި ބައެއް ސްޓޭޓްތަކުގައި އެކަން އޮންނާނީ އިލެކްޓޯރަލް ކޮލެޓް ވޯޓުލާ އިލެކްޓަރސްއަށް ދޫކޮށްލާފައެވެ.

ކުރުކޮށް ދަންނަވާނަމަ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ ވަރަށް ޒާތަކަށް ހިނގާކަމެކެވެ. އާއްމުންގެ އެންމެ ގިނަ ވޯޓު ލިބުނަސް އިންތިޚާބެއް ކާމިޔާބެއް ނުވާނެއެވެ. 2016 ވަނަ އަހަރުގެ އިންތިޚާބުގައި އާއްމުންގެ އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވީ ހިލަރީ ކްލިންޓަންއަށެވެ. ޓްރަމްޕަށްވުރެ އިތުރަށް ހިލަރީއަށް އެތައް މިލިއަން ވޯޓެއް ލިބުނެވެ. ނަމަވެސް ޓްރަމްޕަށް ވެރިކަން ލިބިވަޑައިގަތީ އިލެކްޓޯރަލް ވޯޓުން ކުރި ލިބުމުންނެވެ. 2000 ވަނަ އަހަރުވެސް އާއްމުންގެ ގިނަ ވޯޓު ލިބުނީ އެލްގޯއަށެވެ. ނަމަވެސް އިލެކްޓޯރަލް ވޯޓުން ކުރި ލިބިވަޑައިގެން ވެރިކަން ލިބުނީ ޖޯޖްޑަބްލިޔު ބުޝްއަށެވެ. މިނޫނަސް އެމެރިކާގެ ތާރީހުގައި މިގޮތަށް މިކަން ހިނގާފައި އެބަހުއްޓެވެ.

ކުރުކޮށް ދަންނަވާނަމަ އެތައް ސަތޭކަ މިލިއަން ބަޔަކު މިއަދު ނިކުމެ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ވޯޓުލިޔަސް، ހަޤީޤަތުގައި އެމެރިކާގެ ވެރިކަމަށް ގެންނަ ބޭފުޅަކު ކަނޑައަޅާނީ 538 މީހެއްގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެވޯޓުލުން ކުރިއަށްދާނީ ޑިސެމްބަރުމަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް އެދުވަހުގެ ވޯޓުގެ ނަތީޖާ އަންނާނެ ގޮތް މިއަދުގެ ރިޔާސީ އިންތިޚާބުގެ ނަތިޖާއިން ވަރަށް ބޮޑަށް ކަށަވަރުވާނެއެވެ. އެއީ އިލެކްޓޯރަލް ވޯޓުލުމަށް ހަމަޖެހިފައިވާ ގިނަ ސްޓޭޓްތަކުގެ "އިލެކްޓަރސް" ވޯޓު ދޭނީ އެ ސްޓޭޓެއްގެ ނަތީޖާއާ އެއްގޮތަށްކަމަށްވުމުންނެވެ.

އެމެރިކާގެ ވެރިކަމަށް ބޭފުޅަކު އައްޔަންކުރުމަށް ބާއްވާ އިންތިޚާބުގައި އޮންނަ އިލެކްޓޯރަލް ވޯޓާމެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރެއެވެ. އެމެރިކާގެ ގާތްގަނޑަކަށް 60 އިންސައްތައަށްވުރެ ގިނަ މީހުން މިކަމާ ދެކޮޅެވެ. މިކަން ބަދަލުކުރުމަށް މިދިޔަ 200 އަހަރުގެ ތެރޭގައި 700 އަށްވުރެ ގިނަ ބިލު އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ނަމަވެސް މިހާތަނަށް އެކަން ކާމިޔާބުވެފައެއް ނުވެއެވެ.

ބައެއް މީހުން ބުނާގޮތުން އެމެރިކާގައި 1787 ވަނަ އަހަރު ތަޢާރަފްކުރެވުނު މި ނިޒާމުގެ ބޭނުމަކީ އާދައިގެ ރައްޔިތުންގެ ވޯޓުގެ ބަދަލުގައި ކަމުވޮށިގެންވާ މީހުންގެ ވޯޓުން ވެރިޔަކު އިންތިޚާބުކުރުމެވެ. އެމީހުން ޤަބޫލުކުރާ ގޮތުގައި އެންމެ އާދައިގެ މީހުންނަށް ނުބައި ނިންމުމެއް ނިންމިދާނެއެވެ. އެހެންކަމުން މިކަމުގައި ކަމުވޮށިގެންވާ މީހުންގެ ބަހެއް އޮތުން މުހިއްމުކަމަށް މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކެއެވެ.


ކިޔުންތެރިންގެ ހިޔާލު


20

ޗާލީ - 13

09-Nov-2020

ދެން ކީއްކުރަން ރައްޔިތުން ލައްވާ ވޯޓު އަޅަނީ? ތ 538 މެމްބަރުން ވޯޓުލީމަ ނިމުނީނުން


-3

ވޯޓޫ

08-Nov-2020

މާނަޔަކީ ތަރައްގީޔާ ތަހުޒޫބުގެ ކުޅުދުއްފުށިން ލާވޯޓު މ.މުލަކު މީހުންނަށްވުރެ ޕަވާފުލްވުން... މި ސިސްޓަމް ރާއްޖެ ގެންނަންވީ.. އަސްލު ވާނުވާ އެންގޭމީހުން ވޯޓުލުންދޯ މުހިންމީވެސް


9

ަަައަހުމަދު

05-Nov-2020

އެހެންވީމާއާއްމުން ވޯޓުލުމުގެއް ނެއްތާ



ޓްރެންޑިން