އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު
ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ދެއްވައިފިއެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ ތަގުރީރު ކުރައްވަމުން އޭޖީ ރިފްއަތު ވިދާޅުވީ ރާއްޖޭގައި މަރުގެ އަދަބު ދެވޭނީ ރައްޔިތުން އެގޮތަށް ބޭނުންވާނަމަ ކަމަށެވެ. މަރުގެ އަދަބު އުވާލަންޏާ ރާއްޖޭގެ ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް އޭޖީ ވިދާޅުވިއެވެ. މީގެ އިތުރުން ގާނޫނުލް އުގޫބާތުން މަރުގެ އަދަބު އުވާލާނަމަ އާންމުންގެ ޚިޔާލު ހޯދާނެ ކަމަށް ބަންޑާރަ ނައިބް ވިދާޅުވިއެވެ. މީގެ އިތުރުން ޝަރުއީ ދާއިރާ އިސްލާހު ކުރުމާއި ޖިނާއީ އަދުލުގެ ނިޒާމާ ގުޅޭ ގާނޫނީ އޮނިގަނޑު ވަރުގަދަ ކުރުމަކީ މަރުގެ އަދަބު ތަންފީޒު ކުރަން އަލުން ފެށުމަށް ވުރެ މާ މުހިންމު ކަމެއް ކަމަށް ވެސް ބަންޑާރަ ނައިބު ފާހަގަ ކުރަށްވާފައިވެއެވެ.

ރާއްޖެއިން ވަނީ މަރުގެ އަދަބު ދިނުން ތަންފީޒު ނުކުރުމަށް އދ.ގެ އާއްމު މަޖިލީހުން އެކުލަވާލާފައިވާ "މޮރެޓޯރިއަމް އޮން ދަ ޔޫޒް އޮފް ޑެތު ޕެނަލްޓީ" ގަރާރުގެ ޑްރާފްޓަށް ތާއިދުކޮށްފައެވެ. ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ކުރެއްވި އަމުރަކާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަވިސްގައި ވަނީ އެ ވަސީލަތް ގާއިމްކޮށްފަ އެވެ. އަދި މަރުގެ އަދަބު ތަންފީޒު ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ވެރިކަން ނިމުނުއިރު ވެސް އެކަން ކުރަށްވާފައެއް ނުވެއެވެ.

ރާއްޖޭގައި މަރުގެ އަދަބު ދިނުން މަޑުޖައްސާފައި އޮތް އޮތުން ދަމަހައްޓާނެކަމުގެ ޔަގީންކަން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު މިރޭ ދެއްވާފައިމިވަނީ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި ގައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަނެއް ދިވެހިރާއްޖެއިން ބަަލައި ނުގަންނާނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައިވަނިކޮށެވެ. މަރުގެ އަދަބަކީ އިސްލާމީ ޝަރީއަތުގައި ކަނޑައެޅިފައިވާ އަދަބެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން