ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ވެރިކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ސިޔާސީ ސަބަބުތަކަށްޓަކައި ހެޔޮއެދޭ ފަރާތްތަކުން ފައިސާގެ އެހީތެރިކަން ދޭނެ ކަމަށާއި، އޭގެ ބަދަލުގައި ނާޖާއިޒު މަންފާއެއް ނުހޯދައިދޭހާ ހިނދަކު އެ ފައިސާ ބަލައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރ. ފުއްގިރި ދޫކުރުމުގެ މުއާމަލާތާ ގުޅުވައިގެން އެ މަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގެ އެންމެ ފަހު އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޑައިގަތުމުގެ ކުރިން ވެސް މާލީ ތަނަވަސްކަން ހުރި ކަމަށެވެ. އަދި އަމަލީ ގޮތުން ވިޔަފާރި ނުކުރެއްވި ނަމަވެސް، އެކި ތަންތަން ކުއްޔަށް ދީގެންނާއި ސިޔާސީ ހަރަކާތްތަކަށް ހެޔޮއެދޭ ފަރާތްތަކުން ފައިސާ ލިބޭނެ ކަމަށް ވިދާޅުވި އެވެ. އެގޮތަށް ލިބޭ ފައިސާ ސިޔާސީ ޕާޓީއަކަށް ޖަމާކުރުން ލާޒިމު ނޫން ކަމަށާއި، ސަލާމަތީ ރައްކާތެރިކަން އޮންނަ ގެކޮޅެއްގައި ނަގުދު ފައިސާ ބެހެއްޓުމަކީ މަނާ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޔާމީންގެ ދިފާއީ ވަކީލުންގެ ޓީމުން ވަނީ ދައުލަތުގެ ހެކިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ވަކީލުން ފާހަގަކުރެއްވި ގޮތުގައި، ދައުލަތުން މި މައްސަލައިގައި މައިގަނޑު ހެކިންގެ ގޮތުގައި ބޭނުންކުރަނީ ކުށަށް އިއުތިރާފުވެ، ލުއިތަކެއް ހޯދައިގެން ތިބި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތެވެ. އެ ދެ މީހުންނަކީ އިތުބާރު ހިފޭ ބައެއް ނޫން ކަމަށް ޝަރުއީ ކޯޓުތަކުން ކަނޑައަޅާފައިވާތީ، އެ މީހުންގެ ބަހަށް އެކަނި ބުރަވެ ކުށް ސާބިތު ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

މީގެ އިތުރުން، މި މުއާމަލާތުގައި ރިޝްވަތު ދިން ކަމަށް ބުނާ ފަރާތާއި، ފައިސާ ދައުރުކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރި ކުންފުނިތަކުގެ ދައުވާތައް ދައުލަތުން ދޫކޮށްލާފައިވާކަން ވަކީލުން ފާހަގަކުރެއްވި އެވެ. އެހެންކަމުން ހަމައެކަނި ރައީސް ޔާމީނަށް އަމާޒުކޮށްގެން ދައުވާ ކުރިއަށް ގެންދިއުމަކީ ސިޔާސީ ނިޔަތެއްގައި ކުރާ ކަމެއް ކަމަށް ދިފާއުން ބުންޏެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި ޝަރީއަތުގެ ހުރިހާ އަޑުއެހުންތަކެއް މިއަދުން މިއަދަށް ވަނީ ނިންމާލައިފަ އެވެ. މައްސަލަ ބައްލަވާ އިސް ގާޒީ އިއުލާން ކުރެއްވި ގޮތުގައި، މި މައްސަލައިގެ ފަހު ހުކުމް އިއްވުން އޮންނާނީ މި ހިނގާ މަހުގެ 29 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް