ރާއްޖޭގެ ރިސޯޓެއް
ރާއްޖޭގެ ރިސޯޓެއް
ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭ އިން އާންމު ކޮށްފައިވާ އުސޫލުތަކާ ހިލާފުވާ ރިސޯޓުތަކާއި ގެސްޓު ހައުސްތައް އޮޕަރޭޓު ކުރުމުގެ ހުއްދަ ބާތިލު ކުރާނެ ކަން ޓޫރިޒަމް މިނިސްޓްރީން އަންގައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ތަންތަނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ވަކި ހާއްސަ އުސޫލަކަށް އަމަލުކުރަން އަންގައި ހުޅުވަން ހުއްދަ ދިނުމުން ގިނަ ތަންތަނުން އަމަލުކުރަނީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ބައެއް ތަންތަނުން އުސޫލާ ހިލާފުވާކަން ފާހަގަވާ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް މިނިސްޓްރީގެ ސާކިއުލާގައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެޗްޕީއޭ އިން ގަވައިދުތައް ހަދާފައި ވަނީ ޓޫރިސްޓުންނާއި މުވައްޒަފުންގެ ވެސް ރައްކާތެރިކަމަށްޓަކައި ކަމަށެވެ. އެހެންކަމުން އޭގެ މުހިންމުކަން އެ މިނިސްޓްރީގެ ސާކިއުލާގައި ވަނީ ހަނދާން ކޮށްދީފައެވެ. ރިސޯޓުތަކާއި ގެސްޓު ހައުސްތަކުން އެޗްޕީއޭގެ އުސޫލާ ހިލާފުވާކަން ދެން ފާހަގަ ކުރެވޭ ނަމަ މި ހާލަތުގައި އެތަނެއް ހުޅުވަން ދީފައިވާ ހުއްދަ ވަކި މުއްދަތެއް ނެތް ގޮތަށް ބާތިލު ކުރާނެ ކަމުގެ އިންޒާރު ޓޫރިޒަމް މިނިސްޓްރީގެ ސާކިއުލާގައި ދީފައިވެއެވެ.

އެ މިނިސްޓްރީން މިފަދަ އެންގުމެއް އަންގައިފައި މިވަނީ ދ. ކަނޑިންމަ ރިސޯޓުގައި ކޮވިޑް-19 ފެތުރި އެ ރިސޯޓުން މަރުވި މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އަދި މިކަމުގައި އެރިސޯޓުން އަމަލުކޮށްފައިވަނީ އެޗްޕީއޭގެ އުސޫލު ތަކާ ޚިލާފަށް ކަމަށް އެރިސޯޓުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ބުނެފައެވެ.

ކަނޑިންމަ ރިސޯޓުގެ މުވައްޒަފަކަށް ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވި އިރު އެ މީހާ ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން ބެލި ބެލުމުން، މިހާތަނަށް އެ ރިސޯޓުން 46 މީހަކު ޕޮޒިޓިވްވެފައިވާ ކަން އެޗްއީއޯސީ އިން ވަނީ ހާމަކޮށްފައެވެ. އެ ކޭސްގައި ރިސޯޓު މެނޭޖްމަންޓުގެ އިހުމާލު އޮތް ކަމުގެ ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.

އެޗްޕީއޭއިން އާންމު ކޮށްފައިވާ ވަކި އުސޫލަކަށް އަމަލުކުރާ ގޮތަށް ޝަރުތުކޮށް ރިސޯޓުތައް ހުޅުވީ މިދިޔަ ޖުލައި މަހު އެވެ. ލޯކަލް ޓޫރިޒަމަށް ގެސްޓު ހައުސްތައް ހުޅުވީ މިދިޔަ މަހުގެ ތެރޭގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން