ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ
ސޯޝަލް ނުވަތަ އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ މީހުންނަށް ސަރުކާރުން ފޯރުކޮށްދޭ މާލީ އެހީތެރިކަން (އެލަވަންސް)ގެ ރިވިއުއެއް ހަދަން ނިންމައިފައިވާ ކަމަށް ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އދގެ. ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ބައްދަލުވުމުގައި، ޖެންޑަރ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީ ވިދާޅުވީ ރާއްޖޭގައި އެކަނިވެރި މައިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އެލަވެންސްގެ ފައިދާ ކުރާ މިންވަރު ދެނެގަތުމަށް ރިވިއުއެއް ހެދުމަށް ނިންމާފައިވާ ކަމަށެވެ.

އެ ރިވިއުގެ ތެރެއިން، ރާއްޖޭގައި ހަވާސާވެފައިވާ ފަރާތްތަކާއި، ނުރައްކަލަށް ހުށަހެޅިދާނެ ފަރާތްތަކަށް ސަރުކާރުގެ ފަރާތުން ފޯރުކޮށްދޭ އެހީތެރިކަމުގެ ފައިދާ އެންމެ އެކަށީގެންވާ ގޮތުގައި ލިބޭތޯ ވެސް ބެލުމަށް ހަމަޖެހިފައިވާ ކަން މިނިސްޓަރ ހާމަކުރެއްްވިއެވެ. މިނިސްޓަރ އައިޝާ ވިދާޅުވީ ހުރިހާ އެންމެން އެކުލެވޭ ގޮތަށް ސަރުކާރުގެ ޕޮލިސީތައް ހެދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. މިނިސްޓަރ ވަނީ އެ ވުޒާރާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެކި ކަންކަމާއި އަންހެނުންގެ ކުރިއެރުމަށް މި ސަރުކާރުން ކުރާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ރައީސް އިބާރާހީމްގެ ސިޔާސަތަކީ އަންހެނުން ބައިވެރިކޮށްގެން ޕޮލިސީ ލެވެލްގެ ނިންމުންތައް ކަނޑައެޅުން ކަމަށް ވާއިރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ މިންތީގެ ތަފާތުކުރުންތައް ނައްތާލަން މި ސަރުކާރުން އަހައްމިއްޔަތުކަން ދޭކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަސައްކަތް ކުރާ އަންހެނުންނަށް ފަސޭހަކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މާބަނޑު މީހުންނަށް 6 މަސް ދުވަހުގެ ޗުއްޓީއެއް ދިނުމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ހުޅުވާލުމަށް ލޯނު ހަމަޖައްސައި ދިނުމާއި، ގޭގައި މަސައްކަތް ކުރާ އަންހެނުންނަށް ފުރުސަތު ހޯދައި ދިނުމަށް ވެސް މަސައްކަތް ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ކޮވިޑް-19 އާއި ގުޅިގެން ގޭގައި ފުރަބަންދުވުމުން ގެވެށި އަނިޔާގެ މައްސަލަތަކަށް އަންހެނުން ހުށަހެޅުނު މިންވަރު އިތުރުވި ކަމަށާ، އެކަމާއި ގުޅުން ހުރި އިދާރާތަކުން އިތުރަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. ކުޑަކުދިންގެ ހައްގުތައް ގެއްލޭގޮތަށް ޒަމާނުއްސުރެ ކުރަމުން އައި ކަންކަން ނިމުމަކަށް ގެނެސް، ކުޑަކުދިންނަށް ބޭނުންވާ ތައުލީމާއި، ވެކްސިން އަދި ސިއްޙީ ފަރުވާ ފަދަ އަސާސީ ކަންކަން ފުރިހަމަކޮށްދިނުމަށް ވެސް މަސައްކަތް ކުރައްވާކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން