އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތް
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތް
އދ.ގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފުއަތު ދެއްވި މެސެޖަކީ ރާއްޖޭގައި މަރުގެ އަދަބު އުވާނުލާނެކަން ދުނިޔެއަށް އަންގައިދިނުން ކަމަށް ބުނެ މަރުގެ ހުކުމާ ބެހޭގޮތުން އޭޖީ ދެއްކެވި ވާހަކަ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު އަލުން ތަރުޖަމާ ކޮށްދީފިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން ހާސިލު ވެފައިވާ މިންވަރާއި ކުރާ މަސައްކަތް މުރާޖަޢާ ކުރުމަށް އދ. ގައި ބޭއްވި ޔޫޕީއާރު ރިވިއު ބައްދަލުވުމުގައި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ރާއްޖޭގެ ގާނޫނުލްއުގޫބާތުން މަރުގެ އަަދަބު މުޅިން އުވައިލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ އިތުރުން އާންމުންގެ ޚިޔާލު ވެސް އެކަމަށް ހޯދައިގެން ކަމަށެވެ. މަރުގެ އަދަބު މި ވަގުތަށް ނުރަސްމީކޮށް ހުއްޓާލާފައިވާ ސިޔާސަތު ސަރުކާރުން ދަމަހައްޓަމުން ދާނެ ކަމުގެ ޔަގީންކަން އޭޖީ ވަނީ ދެއްވާފައެވެ.

މަރުގެ އަދަބު އުވާލެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް އޭޖީ ވިދާޅުވުމުން އާންމުންނާއި ގިނަ އަދަދެއްގެ ދީނީ އިލްމްވެރިން ވަނީ އެކަމާއި ދެކޮޅަށް ތެދުވެވަޑައިގެންފައެވެ. މި ގޮތުން އިސްލާމީ ޝަރީއަތް އުވާލަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ވެސް ނުނެގޭނެ ކަމަށް ދީނީ އިލްމްވެރިން ވިދާޅުވެފައިވެއެވެ.

އޭޖީ އޮފީހުން ނެރުނު ބަޔާނުގައި ވަނީ ޔޫ.ޕީ.އާރު. ގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖެއަށް ލިބުނު ހުށަހެޅުންތަކަށް ބަލާއިރު، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ޤައުމަކުން ހުށަހެޅުންތައް ލިބިފައިވާ ކަމަށާއި، އަދި އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ޤައުމުތަކުން ދިވެހިރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ޤައުމުތަކަކުން ސުވާލުތަކެއް ކޮށްފައިވާކަން ފާހަގަ ކޮށްފައިވެއެވެ. ކަންމިހެން އޮތުމުން، އިއްޔެ ކުރިއަށްދިޔަ ސެޝަންގައިވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކުން މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ގިނަ ހުށަހެޅުންތަކެއް ދިވެހިރާއްޖެއަށް ލިބޭނެކަމަށް ލަފާ ކުރެވިފައި ވާކަމަށް އޭޖީއޮފީހުން ބުނެފައިވެއެވެ.

"އެޓާނީ ޖެނެރަލް (އިބްރާހިމް ރިފްއަތް)ގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަޙީލުކަމެއްކަން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ސާފުކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެކެވެ." އޭޖީ އޮފީހުން ބުނެފައިވެއެވެ.

އޭޖީ އޮފީހުން ބުނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެށުމަށް ވުރެ ރާއްޖެއިން ފުރަތަމަ އިސްކަން ދޭނީ ވަކި ފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދުލުގެ ނިޒާމެއް ގާއިމް ކުރުމަށް ކަމަށެވެ. އެއާއެކު މަރުގެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށް އޭޖީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަރުގެ އަދަބު އުވާލުމާ ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ބައިނަލްއަޤްވާމީ މައިދާނުގައި މީގެ ކުރިންވެސް ހާމަ ކޮށްފައިވާ ސިޔާސަތެއް ކަމަށް އޭޖީ އޮފީހުގެ އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މި ގޮތުން ޑިސެމްބަރު 2018 ގައި މަރުގެ ހުކުމް ތަންފީޒު ކުރުން ހުއްޓުވުމާ ގުޅޭ އދ. ގެ ގަރާރާ ދެކޮޅަށް ރާއްޖޭން ވޯޓު ދީފައިވާ ކަމަށް އޭޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގެ ގާނޫނު އަސާސީއާއި އިސްލާމް ދީނުގެ އަސްލަކާ ހިލާފް އެއްވެސް ހުށަހެޅުމެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށް ދިވެހި ސަރުކާރުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން