ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ފުލުހުން ނުވަތަ ސިފައިން އަދިވެސް ސަރުކާރާއި ދެކޮޅަށް ނުނުކުންނާނެ ކަމަށް ވިދާޅުވާން ކެރިވަޑައިނުގަންނަވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެއެވެ.

ގާނޫނީ ސަރުކާރެއް ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނުކުންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ރައީސް މުހަންމަދު ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެހެން ވިދާޅުވާން އެމަނިކުފާނަށް ކެރިވަޑައި ނުގަންނަވާ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 07 ފެބްރުއަރީގައި ހިނގި ފަދަ ސަލާމަތީ ބާރުތަކުގެ ބަޔަކު ގައުމަށް ޣައްދާރުވުން ތަކުރާރު ވިޔަ ނުދިނުމަށް ކުރަން ޖެހޭ ކަންކަން ކޯނީ ރިޕޯޓްގައި ފާހަގަ ކޮށްފައި ވާނެ ކަމަށެވެ.

"އެކަންކަން ތަންފީޒު ނުކުރާހާ ހިނދަކު އަނެއްކާވެސް މިއުޓިނީއެއް (ބަޣާވާތެއް) ނުކުރާނެކަމަށް ދަންނަވާކަށް ނުކެރޭނެ." 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު މިއަދު ވިދާޅުވީ ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރު ފުލުހުންގެ ތެރެއިންނާއި ސިފައިންގެ ބަޔަކު އިދިކޮޅު ހަރަކާތްތަކުގައި ބައިވެރިވެ ވެރިކަން ނިމުމަކާ ހަމައަށް އައި އިރު ސަރުކާރު ވައްޓާލުމުގެ ހަރަކާތުގައި ފުލުހުން ބައިވެރިވެދާނެ ކަމަށް ފުލުހުންގެ ވެރިންނަށް އަންގާފައި ވާނެ ކަމަށެވެ. ކޮމިޝަނަރ މުހައްމަދު ހަމީދު ވިދާޅުވި ގޮތުގައި އެއީ މާޒީގައި ފުލުހުންގެ މުއައްސަސާ އޮތް ހާލަތް ކަމަށެވެ.



ނަމަވެސް މިހާރު ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރުމުގެ ގޮތުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި އެފަދަ އާންމު މިންގަނޑު ނެތް ކަމެއްގައި ފުލުހުން ބައިވެރިނުވާނެކަން ކަށަވަރު ވެގެންދާނެ ކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.

2012 ފެބްރުއަރީ 7 ގައި ރައީސް ނަޝީދު މަގާމުން އިސްތިއުފާދެއްވީ އޭރުގެ އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ހިންގި ހަރަކާތް ތަކުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުން ވެސް ބައިވެރި ވެގެން މަޖުބޫރު ވެގެން ކަމަށް ރައީސް ނަޝީދު އަބަދުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި އެދުވަބު ސަރުކާރާ ދެކޮޅަށް ކުރީ ބަޣާވާތެއް ކަމަށްވެސް ރައީސް ނަޝީދު ތުހުމަތު ކުރައްވައެވެ.



ކިޔުންތެރިންގެ ހިޔާލު