މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް
ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށްކުރީ ދަރަންޏާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރެއްގެ ސަބަބުންކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ބައެއް ކަހަލަ ޤަރާރުތައް ފާސްކުރާއިރު ޤައުމުގެ މަސްލަހަތު އިސްނުކޮށްފިނަމަ ރޭޓިންގ އެޖެންސީތަކުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރަމުންދިއުން ވަރަށް ގާތްކަމަށެވެ.

ޝަރީފް ވިދާޅުވީ ފިޗުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަރަޖަ ސީސީސީ އަށް ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤަރާރުގެ ސަބަބުންކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ތަކުރާރުކޮށް ދެންނެވިކަމަށެވެ.



ޝަރީފްގެ ޓްވީޓްތަކަށް ރައްދުދެއްވަމުން ރައީސް ނަޝީދުގެ ކޮންޓްރޯލް އޮންނަ ޓްވިޓަރ އެކައުންޓެއްކަމަށް ބުނާ އެލެކްސް އަހުމަދުގެ ޓްވިޓަރ އެކައުންޓުންކުރި ޓްވީޓެއްގައި ބުނީ ރޭޓިންސް ބަދަލުކުރި ސަބަބުން ފިޗުން ބުނެދީފައިވާކަމަށެވެ. އަދި މިވަރުންވެސް ސަލާމަތްވީ "ޓްރާންސްޕޭރަންސީ" ކޮށް މަޖިލިސް މަސައްކަތްކޮށްފައިވާތީކަމަށްވެސް އެލެކްސް އަހުމަދު ބުނެފައިވެއެވެ.



ރާއްޖޭގައި ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ކްރެޑިޓް ރޭޓިން ކުންފުނި، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ދަށްކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ނަމަވެސް ސަރުކާރުން އެ ރޭޓިން ޤަބޫލުކުރަން ވަނީ ދެކޮޅު ހަދާފައެވެ.

މިއީ މި އަހަރު ރާއްޖޭގެ ރޭޓިން ދަށްކުރި ދެ ވަނަ ފަހަރު ކަން ފާހަގަކޮށްލެެވެއެވެ. ފިޗުން ބުނީ ރާއްޖޭގެ ރޭޓިން ދަށްކޮށްފައިވަނީ ބޭރު ފައިސާ ހޯދުން ދަތިވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވުމާއި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ދަރަނި އިތުރު ވުމުގެ ސަބަބުން ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރި ނޭދެވޭ އަސަރާ ހެދި މިދިޔަ އޭޕްރިލް މަހު ވެސް ރާއްޖޭގެ ރޭޓިން "ބީ ޕްލަސް" އިން "ބީ" އަށް ދަށްކޮށްފައިވެއެވެ.

ފިޗުން ބުނާގޮތުގައި ރާއްޖެއިން ފާއިތުވި މަސްތަކުގައި މާލީ އެހީ ހޯދި ނަމަވެސް ބޭނުންކުރަން ހުރި ބޭރު ފައިސާ މަދު ކަމަށެވެ. އަދި ޓޫރިޒަމް ރަނގަޅު ނުކޮށް ރާއްޖެއަށް ޑޮލަރު އިތުރު ނުކުރެވޭނެ ކަމަށްވެސް ފިޗުން ބުނެއެވެ. އެހެންވެ ބޭރުގެ ގައުމުތަކަށް ބަރޯސާވާން ޖެހޭ މިންވަރު އިތުރުވެފައިވާކަން ފިޗުން ފާހަގަކޮށްފައިވެއެވެ. ފިޗުން ލަފާކުރާގޮތުގައި ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުން 2004 ވަނަ އަހަރުގެ ސުނާމީ އާއި 2009 ވަނަ އަހަރުގެ ފައިނޭންޝަލް ކްރައިސިސްގައި ލިބުނު ގެއްލުމަށް ވުރެ ބޮޑުވާނެއެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ފެށި ނަމަވެސް އިގްތިސާދު ރަނގަޅުވާނީ 2022 ގައި ކަމަށް ފިޗުން ލަފާކުރެއެވެ.ފިޗުން އަންދާޒާކުރާ ގޮތުގައި މި އަހަރު ރާއްޖޭގެ އިގްތިސާދު 30 ޕަސެންޓު ދަށަށް ދާނެ އެވެ. ސީސީސީ ރޭޓިން އަކީ ދަރަނި ނުދެއްކޭ ދަރަޖަ އަށް މާލީ ހާލަތު ގޯސްވިކަން ރަމްޒުކޮށްދޭ ދަރަޖައެކެވެ.

ފިޗުން ދިން ރޭޓިން ޤަބޫލު ނުކުރާކަމަށް ބުނެ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެ އަދި ދުވަހަކުވެސް "ސޮވެރިން ޑިފޯލްޓް" ވެފައިނުވާކަމަށެވެ. އަދި މުސްތަޤްބަލުގައިވެސް މިގޮތުގައި ދަމަހައްޓަން ތައްޔާރަށް އޮތް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުނެފައިވެއެވެ.

މީގެ އިތުރުން ސަރުކާރުންވަނީ ރާއްޖޭގެ ކޮވިޑު-19 ގެ ހާލަތު ސަރުކާރުން ކޮންޓްރޯލްކޮށްފައިވާ ކަމަށާއި އަދި ފަތުރުވެރިކަންވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަމަށް ބުނެފައެވެ. މީގެއިތުރުން ބޭރުގެ ފަރާތްތަކުންވެސް މާލީ އެހީތެރިކަން ލިބިފައިވާ ކަމަށާއި އަދިވެސް އިތުރުފަރާތް ތަކުން އެހީ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސަރުކާރުން ފިޗް ގެ ރޭޓިންގ ގަބޫލު ނުކުރާނެ ކަމަށް ބުނުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗްގެ ރޭޓިން ފަދަ ބައިނަލްއަގުވާމީ އިންޑިކޭޓަރުތައް ރާއްޖޭން އަޑުއަހަން ވާނެ ކަމަށެވެ. އަދި ޗައިނާގެ ކޮމާޝަލް އިދާރާތަކުން ރާއްޖެއަށް ދީފައިވާ ލޯނުތައް ރީސްޓްރަކްޗާ ކުރެވިއްޖެނަމަ، ދަރަނި ޑިފޯލްޓަކަށް ނުދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން