މަސްވެރިން ބާނާ މަސްކޮޅު ކިރުވަން ތިން ހަތަރު ދުވަހު ކިޔޫގައި ނަންބަރު ނަގައިގެން ތިބެން ޖެހުމުގެ ޝަކުވާ މަސްވެރިން ކުރަން ފެށުމުން އުތުރުގެ މަސްވެރިން ބާނާ މަސް ފެލިވަރަށް ކިރުވުމުގައި ދަތިތަކެއް އުޅޭކަމަށް މިފްކޯއިން ބުނެފިއެވެ.

އުތުރުގެ އަތޮޅުތަކުގެ މަސްވެރިން ބާނާ މަސްކިރުވުމުގައި ދަތިތަކެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މިފްކޯގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ފައުޒީ ވިދާޅުވީ އުތުރުގެ މަސްވެރިކަން ރަނގަޅުކަމަށާއި، ނަމަވެސް މަސް ކިރުވުމަށް ދަތިތަކެއް އެބަހުރިކަމަށެވެ. ފައުޒީ ވިދާޅުވީ ފެލިވަރުގައި މަސް ގަންނަމުން ދަނީ މިފްކޯގެ އެންމެ ބޮޑު 2 ބޯޓު ފެލިވަރުގައި ބަނދަރުކޮށްގެންކަމަށެވެ. އަދި މަސް ކިރުމަށް ދަތިތަކެއް ދިމާވެގެން އުޅެނީ އެ 2 ބޯޓުވެސް ފުރިފައި އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

ފައުޒީ ވިދާޅުވީ މި ބޯޓްތައް ފުރުމުން މަސް ހުސްކުރަން ދާން ޖެހެނީ ކޫއްޑުއަށްކަމަށާއި އަދި ފެލިވަރުގައި މަސް ކިރުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މިހާރު މަސައްކަތްކުރަމުން އަންނަކަމަށެވެ. އެގޮތުން މަސް ކިރާ އިތުރު ބޯޓު ފަހަރު ފެލިވަރަށް މިހާރު ދަތުރު ކުރަމުންދާކަމަށް ފައުޒީ ވިދާޅުވިއެވެ.

އުތުރުގެ އަތޮޅުތަކުގައި މަސްވެރިކަން ރަނގަޅުވެ މަސް ކިރުވުމުގައި ދަތިތަކެއް ދިމާވަމުން އަންނަކަމަށް މަސްވެރިންވެސް އަންނަނީ ބުނަމުންނެވެ. އެގޮތުން މަސްކިރަނީ މިހާރު ދޯނިތަކަށް ނަމްބަރު ދޫކޮށްގެންކަމަށްވެސް މަސްވެރިން ބުނެއެވެ. އަދި ބައެއް މަސްދޯނިތަކުން މަސްބާނާތާ 4 ދުވަސްވާއިރުވެސް މަސްކިރުވޭނޭ އިންތިޒާމު ހަމަނުޖެހޭކަމަށް މަސްވެރިން ބުނެއެވެ.

މަސްވެރިން ބާނާ މަހަށް ހަމައަގު ހޯދައި ދިނުމާއި މަސްވެރިން ބާނާ މަސްކޮޅު އުކާލަން ނުޖެހި ކިރޭނެ އިންތިޒާމު ހަމަޖައްސައި ދިނުމާއި ފަސޭހައިން އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމާއި ދޯނީގެ ވަތުގައި މަސްފިނިކޮށް ބެހެއްޓޭނެ ނިޒާމު ގާއިމުކޮށްދިނުމާއި ކިރުވާ މަހަށް ވަގުތުން ފައިސާ ދިނުމާއި ގޭދޮށު މަސް ފެކްޓަރީ ހަދައިދީގެން މަސްވެރިކަމަކީ އާއިލީ މަސައްކަތަކަށް ހަދައި ދިނުމާއި އަގު އެއްކުރެވޭ ގޮތަށް މަހުގެ އުފެއްދުންތައް ރަށުފެންވަރުގައި އުފައްދައިގެން ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދިނުމާއި ބޭރުގެ ކުންފުނިތަކުން ސީދާ އައިސް ރާއްޖޭގެ މަސްވެރިންގެ އަތުން މަސްގަތުމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް ކުރިއެރުވުމަކީ ރައީސް އިބްރާހިމްގެ ރިޔާސީ ވަޢުދު ތަކުގެތެރޭގައި ހިމެނޭ އަދި އެމްޑީޕީގެ އެޖެންޑާ 19 ގައި ހިމެނޭ ވަޢުދު ތަކެވެ.

ރާއްޖޭގެ އުތުރުގެ މަސްވެރިން މަސް ނުކިރުވިވެން މަސްކޮޅު ދޯނީގެ ވަތުގައި ބަހައްޓައިގެން އެތައް ދޯންޏެއް ފެލިވަރު ސަރަހައްދުގައި އެތައް ދުވަހަކު ކިޔޫގައި ތިބިކަން ފިޝަރީޒް މިނިސްޓަރަށް އެނގިވަޑައިގެންފައި ވޭތޯއާއި ރައީސްގެ ވައުދުފުޅާއި އެއްގޮތަށް މަސްވެރިން ބާނާ މަސްކޮޅު ދައްޗެއް ނެތި ކިރުވޭނެ ނިޒާމު ހަމަޖެއްސޭނީ ކޮންއިރަކުންތޯ ސާފުކޮށްލުމަށް ވަޒީރަށް މިއަދު މެސެޖެއް ފޮނުވައިގެން އަދި ޖަވާބު ނުދެއްވާތީ އެއިން ކަމެއް ސާފުވާ ގޮތެއް އަދި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން