ޚަރަދުތައް ބޮޑުވުމުގެ ސަބަބުން މިދިޔަ ހަފްތާގައި 6 ޓަނު މަސް ބޭނި ދޯންޏެއްގެ ފަޅުވެރިޔަކަށް ލިބުނީ އެންމެ 342 ރުފިޔާކަމަށް މަސްވެރިޔަކު ބުނެފިއެވެ.

ސޯޝަލް މީޑިއާގައި ޒުވާން މަސްވެރިޔާގެ ނަމުން މަޝްހޫރުވެފައިވާ، އުރީދޫގެ ބްރޭންޑް އެމްބެސެޑަރ ހަސަން ސާޖިން ބުނީ މިދިޔަ ހަފްތާގައި އޭނާ މަސައްކަތްކުރާ ދޯނިން 6 ޓަނުގެ މަސް ބޭނިކަމަށެވެ. އަދި އެ 6 ޓަނުގެ މަހަށް ލިބުނީ 71625 ރުފިޔާކަމަށްވެސް އޭނާ ބުންޏެވެ.

ސާޖިން ބުނީ 71625 ރުފިޔާއިން، ތެލަށް 41890 ރުފިޔާ، ކޮއްތު ގަންނަން 9000 ރުފިޔާ، އަދި އައިސް ގަންނަން 8400 ރުފިޔާ ޚަރަދުކުރުމުން ދޯންޏަށް ލިބުނީ 12335 ރުފިޔާކަމަށެވެ. އަދި ދޯންޏަށް ލިބުނު 12335 ރުފިޔާއިން އޮޑިވެރިޔާއަށް 4111 ރުފިޔާ ދީފައި، 24 ފަޅުވެރިންނަށް ބެހުމަށް ލިބުނީ 8223 ރުފިޔާކަމަށްވެސް ސާޖިން ބުންޏެވެ. ސާޖިން ބުނީ 8223 ރުފިޔާ 24 ފަޅުވެރިންގެ މެދުގައި ބެހުމުން ފަޅުވެރިޔަކަށް ލިބުނީ 342 ރުފިޔާކަމަށެވެ.



މަސްވެރިން ބާނާ މަހަށް ހަމައަގު ނުލިބޭއިރު، މިދުވަސްވަރު މަސްވެރިން ބާނާ މަސް ކިރުވުމުގައިވެސް ދަތިތަކެއްް ކުރިމަތިވަމުންދާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ. އެގޮތުން މަސް ބާނާތާ ހަތަރު ފަސް ދުވަސްވާއިރުވެސް މަސްކޮޅު ކިރުވޭގޮތް ނުވާކަމަށް މަސްވެރިން ދަނީ ބުނަމުންނެވެ.

މަސް ކިރުވުމުގައި ހަރަކާތްތެރިވާ މިފްކޯއިން ބުނާގޮތުން މަސްވެރިންގެ އަތުން މަސް ގަތުމަށް މިފްކޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކޮށް، މަސްވެރިންގެ އަތުން ގަންނަ މަސް އިތުރުކުރުމަށް ގިނަ މަސައްްކަތްތަކެއް ކުރަމުންދާކަމަށް މިފްކޯއިން ބުނެއެވެ.

މި ސަރުކާރު ވެރިކަމަށް އައިފަހުން މިހިނގާ ދެ އަހަރެއްހާ ދުވަހު މިފްކޯއިން ވެސް ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދުވެސް ދައްކަވަނީ މަސްގަންނަ ކެޕޭސިޓީ އިތުރުކުރާ ވާހަކައާއި މަސްވެރިންނަށް ހަމައަގު ހޯދައިދޭ ވާހަކައެވެ. ހަމަ އެވާހަކަ ދައްކައިގެން އެޖެންޑާ 19 އާއެކު މަޖިލީހުގެ ގޮނޑި ހޯއްދަވައިގެން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންވެސް މަޖިލީހުގައިވެސް ވަރަށް ގިނައިން އެވާހަކަ ދައްކަވައެވެ. ނަމަވެސް މިހާތަނަށް އައިއިރު އެކަމުގައި އެއްވެސް އަމަލީ ސިފައެއް ފެނިފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު


-3

މަ

12-Nov-2020

އެހެންވެ ބުނަނީ, ކިޔަވާށޭ. އޭރުން ތި ބިލުންވެސް ދެފަހަރަށް ތެލަށް ނުކަނޑަން އިނގޭނެ.


-8

ކެޔޮޅު

12-Nov-2020

ޖަހާފަ ހުރި ހިސާބު ދިމަ އެއް ނުވޭ .. ތެލަށް ކަނޑާފަ 71000 ލިބުނު ކަމަށް ބިލުން ދައްކަނީ ދައްކާ ވާހަކަ ދިމާކުރޭ


7

ހެޔޮ މީހާ

09-Nov-2020

ބޭކާރު ސިޔާސީ މަގާމުތައް އުފައްދައިން ބޮޑެތި މަގާމުތަކުގަ އެކަކު 4,5 ވަޒީފާގަ. ދެންވިސްނާލާ މިދަތި ދަނޑި ވަޅުގަ އާދައިގެ މީހުންނަށް ވާނެ ގޮތް. މަޖިލިސް މެންބަރުން އަމިއްލަ ޖީބު ފުރޭތޯ. އެތާކު ނެތް ރައްޔިތަކައް ހެޔޮ އެދޭ މީހަކު. އެންމެންވެސް އުޅެނީ އަންނި ރުއްސޭތޯ ނޫނީ ފަޅު ރަށެއް ލިބޭތޯ. އެހެންވީމަ މިބުނަނީ އެއްވެސް ދައުރެއްގަ އެއްޕާޓީ އަކަށް މެޖޯރިޓީ ނުވާނޭ ދޭކަށް.


13

މާކަނާ

08-Nov-2020

ބަލަ ތިވަރު ލިބުނު ކަމާމެދެު ސުކުރު ކުރޭ. ފޭސްބުކުގަ އިސްތިހާރު ކުރީމަ ކާކު ޒިންމާ ވަނީ..އަހަރުމެން ގެ ވިޔަފަރި ހަލާކުވެ ގެން އެކައްޗެއް ނުލިބި 9މަސް.



ޓްރެންޑިން