އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް، އެމްޑީއެންއިން ރިޕޯޓް ނެރުނުއިރު އެޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ހަނދާނެއް ނުވާކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް މިހެން ވިދާޅުވެފައި މިވަނީ، އެމްޑީއެންއިން ކީރިތި ރަސޫލާއަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނުއިރު، އެޖަމުއިއްޔާގެ ރައީސަކަށް ހުންނެވީ ކިހާރުގެ ޕީޖީ ޝަމީމްކަމަށް، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި އެމްޑީއެންގެ އެގްޒެކްޓިވް ޑައިރެކްޓަރ ޝަހިންދާ އިސްމާއިލް ބުނެފައިވަނިކޮށެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ އަހާށޭ ބުނާނަން ޕްރޮގްރާމްގައި ޝަހިންދާގެ ވާހަކަތަކާ ގުޅިގެން އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ، ރައްޔިތުންގެ ނުރުހުން އަމާޒުވި ރިޕޯޓް ނެރުނުއިރު އެމްޑީއެންގެ ރައީސަކަށް ހުންނެވި ހަނދާނެއް ނުވާކަމަށެވެ. އަދި އެއީ އޭނާގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނެރުނު ރިޕޯޓެއް ނޫންކަމަށްވެސް ޝަމީމް ވިދާޅުވިއެވެ. ޝަމީމް ވިދާޅުވީ މައްސަލަ ބޮޑުވެގެން އުޅޭ ރިޕޯޓް އެމްޑީއެންއިން ނެރުނުއިރު އޭނާ ހުންނެވީ ރާއްޖެއަކުވެސް ނޫންކަމަށެވެ.

"އެމްޑީއެންގެ ބޯޑުގެ ޖަލްސާތަކަކީވެސް އަހަރަކު ދެ ޖަލްސާ، ތިން ޖަލްސާ ބާއްވާ ބޯޑެއް. އަޅުގަނޑު ހަނދާނެއް ނުވޭ އަޅުގަނޑު ރައީސްކަމުގައި ހުރިއިރު، އެ ރިޕޯޓު ނެރުނު ކަމެއް ޔަގީންކަމާއެކު ދަންނަވާކަށް ނޭނގެ. ނެރުނަސް ވެސް، އެކަމުގައި އަމަލީ ގޮތުން ބައިވެރިވެފައެއް ނޯންނާނެ." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ވަރަށް ގިނަ ޖަމުޢިއްޔާތަކަށް ހިލޭ ސާބަހަށް ފަންނީ ލަފާދެއްވުމުގައި މަސައްކަތްކުރައްވާ ކަމަށާއި އެގޮތުން އެމްޑީއެންގެ ރައީސްކަމުގެ މަޤާމުގައިވެސް ކުޑަ ދުވަސްކޮޅަކު ހުންނެވިކަމަށެވެ، ނަމަވެސް އެޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމުގައި ހުންނެވީ ކިހާ މުއްދަތަކަށްކަމެއް ހަނދާނެއް ނެތްކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އިސްލާމްދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެންއިން 2016 ވަނަ އަހަރު ނެރުނު ރިޕޯޓްގެ. މައްސަލަ ބޮޑުވެ، ސަރުކާރުން ވަނީ އެޖަމުޢިއްޔާ އުވާލާފައެވެ. ނަމަވެސް އެ ރިޕޯޓް ނެރުމުގައި އިސްކޮށް އުޅުނު ފަރާތްތަކާމެދު ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. އަދި އެޖަމުއިއްޔާގައި މަސައްކަތްކުރި ގިނަ މީހުން މިއަދު ތިބީ ދައުލަތުގެ އިސް މަޤާމުތަކުގައިކަންވެސް ފާހަގަކޮށްލަންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން