ބޮޑީބިލްޑިންގ އިން ރާއްޖެ އަށް ރަން މެޑަލް ހާސިލްކުރި އަހުމަދު މާހިލް ސައީދު  މެޑަލް އާއި ހަވާލުވަނީ
ބޮޑީބިލްޑިންގ އިން ރާއްޖެ އަށް ރަން މެޑަލް ހާސިލްކުރި އަހުމަދު މާހިލް ސައީދު މެޑަލް އާއި ހަވާލުވަނީ
ބޭންކް އޮފް ސިލޯން (ބީއޯސީ) ކުރިމަތިން ރޫޓު ފިހާރައިގެ ހަތަރު މިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރެން އުޅުނު މީހުންނަށް އެހީތެރިވެދީ އެ އަމަލު ހިންގުމަށް ރާވައި އަދި އެކަން ހިންގުމުގައި އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮޑީބިލްޑިންގ އިން ރާއްޖެއަށް ރަން މެޑަލް ހާސިލްކޮށްދިން އަހުމަދު މާހިލް ސައީދު ހިމެނޭ ކަމަށް ފުލުހުންގެ އިދާރާ އިން މިއަދު ބުނެފިއެވެ.

ފުލުހުން ބުނީ ރޫޓް ފިހާރައިގެ ފައިސާ ފޭރުމަށް އެހީތެރިވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ތިން މީހުންނަކީ ކ. މާލެ / ގ. ރޮބިންސް، މުހައްމަދު މާހީން މަދީހް (20އ) އާއި ސ. ފޭދޫ / ރަންކޮކާގެ، އަހްމަދު މާހިލް ސައީދު (21އ) އާއި ރ. ރަސްމާދޫ / އޯކިޑްމާގެ، މުހައްމަދު އަޒުމީން (30އ) ކަމަށެވެ.

އޭގެތެރެއިން އަހުމަދު މާހިލް ސައީދަކީ ނޭޕާލުގެ ކަތުމަންޑޫގައި ބޭއްވި 12 ވަނަ ސައުތު އޭޝިއަން ބޮޑީ ބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ފަރާތެއް ކަން ފާހަގަކޮށްލެވެއެވެ. އުމުރުން 19 އަހަރުގައި މުބާރާތުން ރަންމެޑަލް ހޯދި އަހުމަދު މާހިލް ސައީދު އެއަހަރު ރަންމެޑަލް ހާސިލްކޮށް ރާއްޖެ އަށް ރީތި ނަން ހޯދައިދިނީ ޖޫނިއާ ބައިންނެވެ.

ފުލުހުން ބުނީ އެ މައްސަލަ އާއި ގުޅިގެން ހައްޔަރުކުރި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ހެނދުނު ރޫޓު ފިހާރައިގެ 4.2 މިލިއަން ރުފިޔާ ވޭނެއްގައި ބީއޯސީއަށް ޖަމާކުރަން ގެންދަނިކޮށް، ހެލްމެޓު އަޅައިގެން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ ބީއޯސީ ކުރިމަތިން އެ ފައިސާ ފޭރެން މަސައްކަތް ކޮށްފައެވެ. އެމީހުންނަށް އެކަން ކާމިޔާބު ނުވީ ބީއޯސީގެ ސެކިއުރިޓީއާއި ރޫޓް ފިހާރައިގެ ބައެއް މުވައްޒަފުންގެ މަސައްކަތުންނެވެ.

އެ މައްސަލައިގައި މީގެކުރިން ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ އެވެ. އެ ހަތަރު މީހުންނަކީ ވ. ޕިންކްވިލާ، އަހުމަދު އަމީރު (20އ) އާއި ގއ. ވިލިނގިލި/ކަނީރުމާގެ، މުހައްމަދު މުސްއަބު ޒުބައިރު (23އ) އާއި ދަފްތަރު ނަންބަރު 3678، ހުސައިން އަބްދުލް މަޖީދު (22އ) އާއި ލ. ގަން، ތުނޑި. ކީމިޔާގެ، އަބްދުﷲ ރާޝިދު (27އ) އެވެ.

އެ ހަތަރު މީހުންނަކީވެސް ވައްކަމާއި، ތޫނު ހަތިޔާރުން ހަމަލާދީ ފޭރުމާއި، މާރާމާރީ އަދި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އޮންނަ މީހުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން