ޔޫއެންޑީޕީން ރާއްޖެއަށް ޕީޕީއީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޔޫއެންޑީޕީން ރާއްޖެއަށް ޕީޕީއީ ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ކޯވިޑް-19 އިންޓަގްރޭޓެޑް ރެސްޕޯންސް ސަޕޯޓްގެ ދަށުން ޔޫއެންޑީޕީން ރާއްޖެއަށް ގިނަ ޢަދަދެއްގެ ޕީޕީއީ ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަކެތި ދިވެހި ސަރުކާރާ ހަވާލުކޮށްދެއްވީ ޔޫއެންޑީޕީ ގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

ޔޫއެންޑީޕީ އިން ހަދިޔާކުރި ޕީޕީއީ ގެ ތެރޭގައި ހިމެނެނީ 1080 ހެޒެމްޓް ސޫޓާއި 10،080 އެން-95 މާސްކް، 6000 ސަރޖިކަލް މާސްކް، 400 ގޮގްލްސް، 6000 ހެޑް ކަވަރސް، 5000 ޝޫ ކަވަރސް އަދި 2000 ފޭސް ޝީލްޑާއި 10،000 އެގްޒަމިނޭޝަން ގްލަވްސް އާއި 5000 ސަރޖިކަލް ގައުންސް އެވެ. މިއީ ކޯވިޑް-19 ގެ ފްރަންޓްލައިންގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ރައްކާތެރިކަމަށް ހަދިޔާކުރި ތަކެތި ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.



ޕީޕީއީ ތަކުގެ އިތުރުން ޓިއޯޗިއު އިންޓަނޭޝަނަލް ފެޑެރޭޝަންގެ އެހީތެރިކަމާއެކު ހޯދާފައިވާ އެއް މިލިއަން ނަން-ސަރޖިކަލް މާސްކްވެސް މިއަދުގެ ރަސްމިއްޔާތުގައި ސަރުކާރާ ވަނީ ހަވާލުކޮށްފަ އެވެ. މި މާސްކްތައް ބޭނުންކުރެވޭނީ ޔޫއެންޑީޕީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ތައްޔާރުކުރި ރެޕިޑް ލައިވްލިހުޑްސް އެސެސްމެންޓްގައިވާ ރެކޮމެންޑޭޝަންތަކާ އެއްގޮތަށް، އިގްތިސޯދު އަލުން ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތުގައި، ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގައި ގެސްޓްހައުސްތަކުގެ މުވައްޒަފުންގެ ބޭނުމަށެވެ.

ޔޫއެންޑީޕީން ގެންދަނީ ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބޮޑެތި އެހީތަކެއް ސަރުކާރަށް ފޯރުކޮށްދެމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން