ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީއިން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ 35 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށް މައުލޫމާތު ލިބެއެވެ. ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓްގެ ތަފްސީލްތައް ފިނޭންސް މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ.

ފިނޭންސް މިނިސްޓްރީ އިން ބުނީ މާދަމާ މަޖިލީހަށް ބަޖެޓް ހުށައަޅާއިރު އެ ތަފްސީލްތައް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހާމަކުރައްވާނެ ކަމަށެވެ. ގާނޫނުއަސާސީގެ 96 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ކޮންމެ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ކަމަށް ލަފާ ކުރެވޭ ހަރަދާއި ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ބަޖެޓްގެ ގޮތުގައި މަޖިލީހުން ފާސްކުރީ 37.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ރާއްޖޭގެ ތާރީހުގައި މަޖިލީހުން ފާސްކުރި އެންމެ ބޮޑު ބަޖެޓް ކަން ފާހަގަކޮށްލެވެއެވެ. މި އަހަރު އާމްދަނީގެ ގޮތުގައި ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އެންމެ ފުރަތަމަ އަންދާޒާ ކުރި ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަން ކުރިމަތިވެ މި އަހަރު އާމްދަނީގެ ގޮތުގައި ލިބޭނީ 10 ބިލިއަން ރުފިޔާ ކަމަށް ވަނީ ލަފާކުރެވިފައެވެ.

ދައުލަތަށް ލިބޭ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާއިރު އަންނަ އަހަރުން ފެށިގެން ދައުލަތުގެ ގިނަ ދަރަނިތަކެއް ދައްކަން ފެށަން ޖެހޭތީ ރައްޔިތުންގެ މަޖިލީހުން ދަރަނި މެނޭޖް ކުރުމުގެ މައްސަލަ ދިރާސާކޮށް ދަރަނިތައް މުރާޖައާ ކުރުމުގެ ކޮމިޓީއެއް އެކުލަވާލައިގެން އެ މަސައްކަތް ފަށަން ސަރުކާރަށް ލަފާ ދިނުމަށް މަޖިލީހުން ދާދިފަހުން ވަނީ ފާސްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން