ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު
2021 ވަނަ އަހަރަށް ލަފާކުރާ 34.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމަށް ބަޖެޓް ދިރާސާކުރާ ކޮމެޓީއަށް މިއަދު ފޮނުވައިފިއެވެ.

މިއަދުގެ ޖަލްސާއަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ބަޖެޓް ހުށަހަޅާތާ 7 ދުވަހުގެ ތެރޭގައި ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއް ބާއްވަންޖެހެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މިއަދު ވިދާޅުވީ މިމަހުގެ 16 ވަނަ ދުވަހު މަޖިލީހުގައި ބަޖެޓް ބަހުސް ފެށިގެންދާނެ ކަމަށެވެ. މި ބަހުސަށް 21 ގަޑިއިރު ހޭދަވާނެ ކަމަށް ބެލެވޭ ކަމަށާއި، ބަހުސަށް މެމްބަރުންނަށް ދޭނެ ވަގުތު ކަނޑައަޅާނީ އާންމު ކޮމެޓީން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓަށް ބަހުސްކޮށް މެމްބަރުންނަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު ދިނުމަށްފަހު މިމަހުގެ 26 ވަނަ ދުވަހު ބަޖެޓަށް ވޯޓަށް އެހޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މި ނޮވެމްބަރު މަސް ނިމުމުގެ ކުރިން ބަޖެޓް ފާސްކުރެވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

" 16،17،18 ގެ ދުވާލާއި ރޭގަނޑުގެ ވަގުތުގައި ވެސް ބަޖެޓް ބަހުސް މަޖިލީހުގައި ކުރިއަށްދާނެ، އާންމު ގޮތެއްގައި ކޮންމެ މެމްބަރަކަށް ވެސް 15 މިނެޓް ލިބިވަޑައިގަންނަވާނެ، ބަޖެޓް ކޮމެޓީގެ ރިޕޯޓް މިމަހުގެ 19 ވާ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބޭނެ. ކޮމެޓީ ރިޕޯޓް ލިބުމުން ބަޖެޓް ކޮމެޓީގެ ރިޕޯޓަށް އިސްލާހު ހުށައެޅުމުގެ ފުރުސަތު މިމަހުގެ 21 ވަނަ ދުވަހު ހުޅުވާލާނަން. މިމަހުގެ 23 ވަނަ ދުވަހުގެ ބަޖެޓް ކޮމެޓީގެ ރިޕޯޓަށް ބަހުސްކުރާނެ. މިމަރުހަލާގައި ކޮންމެ މެމްބަރަކަށް 7 މިނެޓް ލިބިވަޑައިގަންނަވާނެ. އެބަހުސްގައި ގާތްގަޑަކަށް 10 ގަޑިއިރު ހޭދަވާނެ. އަޅުގަނޑުގެ ދެކޭގޮތުގައި މިމަހުގެ 26 ހާތާއި ބަޖެޓަށް ވޯޓަށް އެހޭނެ." މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރު ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 34.7 ބިލިއަން ރުފިޔާ އެވެ. މީގެތެރެއިން އެންމެ ބޮޑު ބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރިކަރަންޓް ޚަރަދަށާއި ތަރައްޤީގެ މަޝްރޫޢުތަކަށެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި 33.3 ބިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާކޮށްފައިވާއިރު އަންނަ އަހަރު ޖުމްލަ ޢާމްދަނީ އާއި ހިލޭއެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތަ ކަން ފާހަގަކޮށްލެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން ބަޖެޓް ދިރާސާ ކުރާ ކޮމެޓީ އެކުލެވިގެން ވަނީ މާލިއްޔަތު ކޮމެޓީ އާއި އިގްތިސާދީ ކޮމެޓީގެ މެމްބަރުންގެ މައްޗަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން