ދިރާގު މައި އިދާރާ
ދިރާގު މައި އިދާރާ
ސަރުކާރުގެ މުވާސަލާތީ ކުންފުނި، ދިރާގުން "ރައްޔިތުން ފެލާ" ކަމަށްބުނެ ގިނަ ބަޔަކު ޝަކުވާ ކުރަމުންދަނިކޮށް އާމްދަނީ ހޯދުމަށް ރާއްޖޭގައި އިތުރު ޓެލެކޮމިއުނިކޭޝަން އޮޕަރޭޓަރަކަށް ނުވަތަ ކުންފުންޏަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އާމްދަނީ އިތުރުކުރުމަށް ސިޔާސަތުތަކަށް ގެންނަ ބަދަލުތަކުގެ ތެރެއިން އެންމެ މުހިންމު އެއް ކަމަކީ ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލުތަކުން އާމްދަނީ ހޯދުން ކަމަށެވެ. ޓެލެކޮމް ލައިސަންސް ފީއަށް ގެންނަ ބަދަލާއި ފްރިކުއަންސީ ސްޕެކްޓްރަމް ޗާޖެއް ތަޢާރަފްކޮށްގެން އަންނަ އަހަރު އަލަށް 300 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ހޯދޭނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އެގޮތުން މިނިސްޓަރު އަމީރު ވިދާޅުވީ އާ ޓެލެކޮމް އޮޕަރޭޓަރަކަށް ލައިސަންސް ދިނުމަށް ހުޅުވާލުމަށް ވެސް ސަރުކާރުން ވިސްނަމުންދާ ކަމަށެވެ.

އިންޓަނެޓް އަގުހެޔޮ ކުުރުމަކީ ރައީސް އިބްރާހިމްގެ ރިޔާސީ ވައުދެކެވެ. އެގޮތުން އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީއިން ސިޔާސަތެއް އެކުލަވާލައި ރައީސް އޮފީހަށް ފޮނުވި ނަމަވެސް އެކަމަށް އަމަލީ ސިފައެއް އަދި އައިސްފައެއް ނުވެއެވެ. އެ ސިޔާސަތުގެ ބަދަލުގައި އިންޓަނެޓްގެ އަގުހެޔޮކުރުމަށްޓަކައި އިތުރު ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައެވެ.

އިންޓަނެޓްގެ އަގުހެޔޮ ކުރުމަށްޓަކައި އިތުރު ސަބްމެރީން ކޭބަލް ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް ޓެކްނޮލޮޖީ މިނިސްޓްރީއިން މީގެ ކުރިން ވަނީ ބުނެފަ އެވެ.  ރާއްޖޭގައި ޓެލެކޮމް ހިދުމަތް ދެނީ، ދިރާގާއި އުރީދޫ އެވެ. އަދި އާރުއޯއެލްއިން އިންޓަނެޓުގެ ހިދުމަތް ވެސް ރާއްޖޭގައި އަންނަނީ ދެމުންނެވެ.

2004 ވަނަ އަހަރު ސަރުކާރުން ރާއްޖެއަށް އިތުރު ޓެލެކޮމިއުނިކޭޝަން ކުންފުންޏެއް ގެނައީވެސް އޭރު އޮތް ސަރުކާރުގެ މުވާސަލާތީ ކުންފުނިން އިންޓަނެޓާއި ފޯނާއި މޮބައިލް ކޯލްގެ ޚިދުމަތް އިންތިހާއަށް އަގުބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވެގެން އެ ޚިދުމަތް ވާދަވެރި މާހައުލެއްގައި ދޭން ވެގެންނެވެ. އޭރު ވަތަނިއްޔާ ނަމަކަށް ކިޔާ މެދުއިރިމަތީގައި ޚިދުމަތް ދެމުން ގެންދިޔަ މުވާސަލާތީ ކުންފުންޏަށް ލައިސަންސް ދިނުމުން ދިރާގުގެ އަގުތަށް ތިރިކުރަން މަޖުބޫރުވިއެވެ. އޭރުވެސް ދިރާގުން ޓޫރިސްޓް ރިސޯޓްތަކުގައި މުވާސަލާތީ ޚިދުމަތް ގާއިމުކޮށްގެންނާއި އަތޮޅުތަކުގައި މުވާސަލާތީ ޚިދުމަތް ގާއިމުކޮށްދީގެން އިންތިހާއަށް ބޮޑު އަގު ނަގަމުން ގެންދިޔައެވެ. ރައްޔިތުންނަށް ޚިދުމަތް ދީގެންވެސް ނަގަމުން ގެންދިޔައީ އިންތިހާއަށް ބޮޑުފައިދާއެވެ.

2005 ވަނަ އަހަރު އޭރުގެ ވަތަނިއްޔާ ނުވަތަ މިހާރުގެ އޫރީދޫގެ ޚިދުމަތް ދޭން ފެށުމުން ރާއްޖޭގެ މުވާސަލާތީ ޚިދުމަތް ވާދަވެރިކަމުގެ ތެރެއަށް ގޮސް ފޯން ކޯލާއި އިންޓަރނެޓް ފަދަ މުއާސަލާތީ ޚިދުމަތްތަކަށް އާންމު ރައްޔިތުންގެ އަތްފޯރާ ވަރުވިއެވެ.

ނަމަވެސް މިއަދު އާންމު ދިރިއުޅުމުގެ ބޮޑުބައި އޭގެ މައްޗަށް ބަރޯސާ ވެފައިވާ އިންޓަރނެޓާއި މޮބައިލް ފޯނުގެ ޚިދުމަތް ބޭނުން ކުރާ މީހުން އެތައް ގުނައަކަށް ރާއްޖޭގައި ވެސް އިތުރުވެ އެޚިދުމަތް ދިނުމަށް ކުރަން ޖެހޭ ހޭދަވެސް އެތައް ތަނަކުން ކުޑަވެގެން ދިޔައިރު ރާއްޖޭގައި އިންޓަނެޓާއި މޮބައިލް ކޯލްގެ ޚިދުމަތް ވެފައިވަނީ "ރައްޔިތުން ފެލާލައިގެން" ވެސް ބޮޑު ފައިދާ ހޯދަން ޖެހޭ މައިގަނޑު ވިޔަފާރިއަކަށެވެ. މީގެއިތުރުން "ސަޅި" ޕެކޭޖްތައް ހަދައިގެން ދޭ އިންޓަރނެޓް، ފިނިހަކަ ސްޕީޑް ގައި ހިނގާ ކަމުގެ ޝަކުވާއާއި "ޖައްސާލީމާ ޚަތަމްވާ" ކަމުގެ ޝަކުވާއަކީ ދިރާގުން އަޑުއަހާ ޝަކުވާތަކެއް ނޫނެވެ.

ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ މި ޚިދުމަތުގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހީމްގެ މުހިންމު ވަޢުދެކެވެ. ކަން މިހެން އޮއްވާ މިއަދު މުޅި ދުނިޔެ ތަޖުރިބާ ކުރަމުންދާ ބަލިމަޑުކަމުގެ ތެރޭގައި މުވާސަލާތީ ޚިދުމަތަކީ އެއާއި ނުލައި ދިރި ނޫޅެވޭނެ ޚިދުމަތަކަށް ވެގެން ދިޔަ ނަމަވެސް ރާއްގޭގައި އެޚިދުމަތް އެންމެ ފުޅާ ދައިރާއެއްގައި ދޭ ސަރުކާރުގެ މައިގަނޑު ހިއްސާވާ ދިރާގުން އިންޓަނެޓާއި މޮބައިލް ފޯނުގެ ޚިދުމަތުން ރައްޔިތުން "ފެލަމުން" ދާކަމަށް ބުނެ ރައްޔިތުން ޝަކުވާކުރަން ފެށުމުން ޚިދުމަތުގެ އަގަށް ބަދަލު ގެނައުމުގެ ބަދަލުގައި ސަރުކާރުގެ ވިސްނުން ހުރީ ކޮންމެވެސް އެހެން ވާހަކައެއް ދައްކައިގެން ދިރާގަށް ލިބޭ އާމްދަނީ ކުޑަ ނުވާގޮތަށް ވިސްނައިގެން އެކަން ދިގު ދަންމާލުމަށް ކަމަށް ބެލެވެއެވެ. އެހެންކަމުން މިއަދުގެ ބަޖެޓް ހުށައަޅުއްވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވެފައިވަނީ ސަރުކާރުގެ ވިސްނުން ހުރީ އަދިވެސް މުވާސަލާތުން އިތުރު އާމްދަނީ ހޯދުމާއެކު އިތުރު ކުންފުންޏަކަށް ލައިސްންސް ދިނުމަށް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން